ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ވިޔަފާރިތަކުގެ ދާއިރާއަށް ވަނުމާ މެދު ފިރާގު ސުވާލު އުފައްދަވައިފި

ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ވިޔަފާރިތަކުގެ ދާއިރާއަށް ވަނުމާ މެދު ފިރާގު ސުވާލު އުފައްދަވައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއަށް ވަދެ، ވިޔަފާރި ފުޅާކުރަމުންދާ ދިއުމާމެދު އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފިރާގު ވިދާޅުވީ، ދައުލަތުގެ ބޮޑެތި ކުންފުނިތަކުން އެ ކުންފުނިތަކުގެ އަސާސީ މަގްސަދާ ހިލާފަށް އަމިއްލަ ވިޔަފާރިވެރިން ކުރާ ކަންކަމުގެ ތެރެއަށް އަތްގަދަ ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

އެގޮތުން އެމް.ޕީ.އެލް އިން ލޮޖިސްޓިކްސްގެ މަސައްކަތްތައް ކުރުމާއި، ސިފްކޯ އިން 'މެގަ މޯލް' ހިންގުމުގެ އިތުރުން އެމް.އޭ.ސީ.އެލް އިން ފަޅު ފުންކުރުމުގެ މަޝްރޫޢުތަކުގައި ބައިވެރިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފުލުހުންގެ ކުންފުނި ޕޮލްކޯ އިން ފަހައިދިނުމުގެ ވިޔަފާރި ކުރުމާއި، ކަސްޓަމްސް އިން ބްރޯކަރޭޖް ނުވަތަ މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް ދިނުމަކީވެސް އަމިއްލަ ވިޔަފާރިތަކަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އަދި ސްޓެލްކޯ އިން ކަރަންޓު ސާމާނުގެ ވިޔަފާރި ކުރުމާއި، ބޭންކް އޮފް މޯލްޑިވްސް އިން ބޮޑެތި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމުގެ އިތުރުން، ޙައްޖު ކޯޕަރޭޝަނުން ގެސްޓްހައުސް ހިންގަން އުޅޭ އުޅުމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ފިރާގު ވިދާޅުވިއެވެ.

"މި ހުރިހާ ކަމަކީ 'ޤައުމީ މަޞްލަޙަތު' އޮތް ކަންކަން ކަމަށް ބުނެ ދިފާޢުކުރާނަމަ، މިފަދަ ކަންކަމުގައި އިންވަކިކުރާނީ ކޮން ހިސާބަކުން ހެއްޔެވެ؟" ފިރާގު ސުވާލު އުފެއްދެވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން މިފަދަ ވިޔަފާރިތަކުގެ ތެރެއަށް ވަނުމުން މަޞްލަޙަތު ފުށުއެރުން (conflict of interest) އުފެދޭނެ ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި މަޞްލަޙަތު ފުށުއެރުން މާނަކުރަނީ ކޮން އުޞޫލަކުންތޯވެސް އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.
ފިރާގުގެ މި ކަންބޮޑުވުންތަކަކީ ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިންގެ ފަރާތުން ތަކުރާރުކޮށް އިވެމުންދާ ޝަކުވާތަކެކެވެ.

ޚާއްޞަކޮށް، ދައުލަތުގެ ކުންފުނިތަކަށް ލިބޭ ބާރާއި ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ކުދި ވިޔަފާރިތަކާ ވާދަކުރުމަކީ މިނިވަން ވިޔަފާރީގެ އުޞޫލުތަކާ ޚިލާފު ކަމެއް ކަމަށް ވިޔަފާރިވެރިން ދެކެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *