އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް މ. މާވަށު ކިނާރާ ރިފްއަތު އަބްދުﷲ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
އީސީގެ މެންބަރުކަމަށް ރިފްއަތު އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވަވައި ދެއްވީ މަޖިލީހުގެ އަމީން އާއްމު ފާތިމަތި ނިއުޝާއެވެ.
މަޖިލީހަށް ރައީސް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އީސީގެ މެންބަރުކަަމަށް ކުރިމަތިލެއްވުމަށް ހުޅުވާލުމުން، އެކަމަށް ކުރިމަތިލެއްވި މެންބަރުންގެ ތެރެއިން އެމަނިކުނާނަށް ފެނި ވަޑައިގަންނަވާ ނަމެއްގެ ގޮތުގައި ރިފްއަތުގެ ނަން މަޖިލީހަށް ފޮނުވީ ކަމަށެވެ. އަދި އެ އިއުލާނާ ގުޅިގެން އެކަމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް މަޖިލީހައަށް ފޮނުވި ކަަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ ނަންތަކެއް މަޖިލިސް ތަޅުމުގައި އިއުލާނެއް ނުކުރައްވައެވެ.
ރައީސްގެ ސީޓީފުޅު އިއްވެވުމުން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިކަން ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވިއެވެ





