ރޭ ދަންވަރު 12:45 ހާއިރު ހުޅުމާލެ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުމާލެ ކޮޅަށް ދުއްވާ ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގައި، ފަހަތުން ދުއްވާފައި އައި އެހެން ކާރެއް ޖެހިގެން ކަމަށެވެ. އެއާއެކު ކާރުގެ ކޮންޓްރޯލް ޑޮރައިވަރަށް ގެއްލި ސައިކަލް ލޭނުން ދުއްވަމުންދިޔަ އިތުރު ހަތަރު ސައިކަލެއްގައި ޖެހި އެ ސައިކަލް ތަކުގައި ތިބި ހަތަރު މީހުންނަށްވެސް އަނިޔާ ވެގެންނެވެ.
ފުލުހުން ބުނީ އަނިޔާވި ހަތަރު މީހުންގެ ތެރެއިން ދެމީހަކު ހޮސްޕިޓަލަށްވެސް ގެންދަން ޖެހުނު ކަމަށެވެ. ނަމަވެސް އަނިޔާވި އެންމެންގެވެސް ހާލު މިހާރު ރަނގަޅު ކަމަށްވެއެވެ. އެކްސިޑެންޓުގައި އަނިޔާވީ ހަތަރު ފިރިހެނަކަށެވެ. މީހުންނަށް އަނިޔާވިއިރު އެކްސިޑެންޓުގައި ދެ ކާރާއި ސައިކަލް ތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.




