ގޯލްޑެން ފުޓްސަލް ޗެލެންޖުގެ އެންމެ ކާމިޔާބު ރަށް ތިމަރަފުށި، 8-6 ގެ ނަތީޖާއިން ޕެނަލްޓީގައި ބަލިކުރުމަށްފަހު ދެއްވަދޫ ސެމީފައިނަލަށް ދަތުރު ކޮށްފިއެވެ.
ފުރަތަމަ ހާފުގައި ލީޑު ނަގާފައިވަނީ ތިމަރަފުށިންނެވެ. އަބްދުﷲ ޖިއާން (ޖަންކީ) ގެ ގޯލުން ތިމަރަފުށި 1-0 އިން ކުރިއަށް ދިޔަސް، މުހައްމަދު އިމްރާން (އިންމި) ގެ ދެ ގޯލުން ދެއްވަދޫ ވަނީ ނަތީޖާ އަނބުރާލައިފައެވެ.
ދެވަނަ ހާފުގައި ހަތް މިނެޓަށްފަހު ސިނާހުގެ ގޯލުން ތިމަރަފުށި އަލުން ލީޑު ނެގިއެވެ. އަފްލާޒް ޕެނަލްޓީއަކުން ތިމަރަފުށީގެ ތިންވަނަ ގޯލު ޖަހާފައިވާއިރު، މެޗު ނިމެން ތިން މިނެޓު ވެފައިވަނިކޮށް އަލީ ހައިޝަމް (ޗުމްޕު) ދެއްވަދޫގެ ތިންވަނަ ގޯލު ޖަހައި، މެޗު އެއްވަރުކުރިއެވެ.
ޕެނަލްޓީގައި ދެއްވަދޫ މޮޅުވީ 8-6 ގެ ނަތީޖާއިންނެވެ. ތިމަރަފުށި ސިނާހުގެ ޕެނަލްޓީ ދެއްވަދޫ ޓީމުގެ ކީޕަރު ޝަޒްލީލު ވަނީ މަތަކޮށްފައެވެ.
ދެއްވަދޫ ޓީމުގައި ގައުމީ ފުޓްސަލް ޓީމުގެ ހަތަރު ކުޅުންތެރިން ހިމެނެއެވެ. އެއީ ގައުމީ ކެޕްޓަން އިންމިއާއި، ހުޒައިފަތު ރަޝީދު (ހުޒޭ)، އަލީ ހައިޝަމް (ޗުމްޕު) އަދި އަހްމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ. މީގެ އިތުރުން ފުޓްސަލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަހުނަފް ރަޝީދު (އަހުއްކޮ) ވެސް ދެއްވަދޫ ޓީމުގައި ހިމެނެއެވެ.
މުބާރާތުގެ ސެމީފައިނަލުގައި ދެއްވަދޫ ވާދަކުރާނީ ވިލިމާލެއާ ދެކޮޅަށެވެ. ވިލިމާލެ ސެމީފައިނަލުން ޖާގަ ހޯދީ 5-1 އިން ކުޑަހުވަދޫ ބަލިކޮށްގެންނެވެ.
ދުވާފަރާއި އޭދަފުށި ބައްދަލުކުރި މެޗު ޕެނަލްޓީން 6-4 ގެ ނަތީޖާއިން ކާމިޔާބުކުރީ އޭދަފުށީންނެވެ.
ދެވަނަ މެޗުގައި ނައިވާދޫ މަތިވެރި މައްޗަށް 4-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ސެމީގެ ދެވަނަ ޖާގަ ހޯދިއެވެ.
ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޭދަފުށީއާއި ނައިވާދޫއެވެ.




