ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، މިދިޔަ ހޯމަ ދުވަހު މަރުވި 2 ދިވެހިންގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފަވާކަމަށް ފުލުހުން ބުނެފިއެވެ.
ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މިދިޔަ ހަފްތާގައި މަރުވެފައިވަނީ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ދަފްތަރު ނރ. 439، އުުމުރުން 53 އަހަރުގެ އިބްރާހިމް ސުހެއިލް އާއި، ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، އުމުރުން 45 އަހަރުގެ ހަސަން ނިޔާޒްއެވެ.
މީގެތެރެއިން އިބްރާހިމް ސުހެއިލްގެ ސިއްހީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ފަހުން އޭނާ މަރުވީ ނިއުމޯނިއާ ޖެހިގެންނެވެ. ހަސަން ނިޔާޒް މަރުވީ އޭނާއަށް ކުއްލި މެޑިކަލް އިމަޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި އަވަސް ފަރުވާދެމް ދަނިކޮށެވެ.
މި ދެ މައްސަލަވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.




