ކައުންސިލް އިންތިހާބުގައި 80 ޕަސެންޓަށްވުރެ ގިނަ ގޮނޑި ނަގާނަން: ފަލާހް

ކައުންސިލް އިންތިހާބުގައި 80 ޕަސެންޓަށްވުރެ ގިނަ ގޮނޑި ނަގާނަން: ފަލާހް

އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 80 ޕަސެންޓަށްވުރެ ގިނަ ގޮނޑިތައް ޕީއެންސީން ކާމިޔާބު ކުރާނެކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ރޭ ވިދާޅުވެއްޖެއެވެ.

ހދ. ކުޅުދުއްފުށީގައި ރޭ ބޭއްވި ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިން އިފްތިތާހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާ ވެރިއެއްކަމަށް ވާތީ، ރަށްރަށުގައި ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް ކައުންސިލްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ.

ލޯކަލް އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރުގެ ޒިންމާވެސް ނަންގަވާފައިވާ ފަލާހު ވިދާޅުވީ އޭޕްރީލް 4 ވަނަ ދުވަހު ވޯޓުލައްވާއިރު ލާ ފާހަގައަކުން ދިވެހި ރައްޔިތުންގެ ކުރިމަގު ނިންމޭނެ ކަމަށެވެ.

ފަލާހު ވިދާޅުވީ, އެދުވަހު ނިންމާނީ ދަރިންނާއި ރަށުތަކާއި ގައުމު ކުރިއަށް ގެންދަން ބޭނުންވާނެ ގޮތްކަން ފާހަގަ ކުރައްވަމުން، ރައީސް މުއިއްޒުގެ ވެރިކަމުގެ ދައިރު ވާނީ ރާއްޖޭގެ ތާރީހުގައިވެސް ނުދެކޭ ވަރުގެ ތަރައްގީގެ ޒަމާނަކަށް ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލިހަށް އިއްވަވައިދެއްވި ރިޔާސީ ބަޔާނުން ރާއްޖޭގެ ތަރައްގީގެ ޕްލޭން ކުރައްސަވާފައިވާ ގޮތް ވަރަށް ރަނގަޅަށް ސާފުވާ ކަމަށް ފަލާހު ވިދާޅުވިއެވެ. ކޮންމެ ކަމެއް، ކޮންމެ މަޝްރޫއެއް، ކޮންމެ ދާއިރާއެއް ވަރަށް ތަފްސީލްކޮށް ކޮންމެ ރައްޔިތަކަށް އެނގޭނެ ގޮތަށް ބަޔާން ކޮށްދެއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2008 ވަނަ އަހަރު އާ ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށިފަހުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީ ނޫން ބަޔަކަށް ދީފައި ނުވާތީ، މިއީ އެވިސްނުން ބަދަލު ކުރަންވީ ފަހަރު ކަމަށް ފަލާހު ވިދާޅުވިއެވެ.

"ޕީއެންސީގެ މިޓީމު ކައުންސިލަށް ނަގާފައި ޓެސްޓްކޮށްލާށޭ. އަޅުގަނޑު ސަތޭކަ ޕަސެންޓު ޔަގީންކަން ދެން، ﷲ ގެ ރަހުމަތްފުޅާއެކު މިޓީމު ވެގެންދާނީ މިއަދުގެ ސަރުކާރާ ގުޅިގެން މިސިޓީގައި ކުރަންހުރި ހުރިހާ މަސައްކަތެއް ނިންމައިދޭނެ ކައުންސިލަކަށް،" ފަލާހު ވިދާޅުވިއެވެ.

މިފަހަރުގެ ލޯކަލް އިންތިހާބަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ބައެއް ދާއިރާތަކަށް ވާދަކުރާނެ މީހުން ނެތިގެން "ފްރީ" ގޮނޑިތައްވެސް މިހާރު ޕީއެންސީއަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ﷲ އިރާދަކުރެއްވިއްޔާމާ މި އިންތިހާބު މާތް ﷲ ގެ ތަނަވަސް ރަހުމަތުން ޕީއެންސީން ކާމިޔާބު ކުރާނީ 80 ޕަސެންޓުން މަތިން،" ވަރަށް ޔަގީންކަމާއެކު ފަލާހު ވިދާޅުވިއެވެ.

ޕީއެންސީއަކީ ވަރުގަދަ ލީޑަރެއް ހުންނެވި ސަޅި ޕާޓީއެއް ކަމަށާއި، ދައުލަތުން ދޫކުރާ ފައިސާވެސް ހަރަދު ކުރަނީ ޖަގަހަތައް ހެދުމާއި ސިޔާސީ ހަރަކާތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ލޯކަލް ކައުންސިލް އިންތިހާބު ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ދޭންޖެހޭ،" ފަލާހު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *