ރޮބަޓް ލެވަންޑޮވްސްކީގެ މުސާރަ ކުޑަކުރުމަށްފަހު އިތުރު ސީޒަނަކަށް ބެހެއްޓުމަށް ބާސެލޯނާ ނިންމުމާއެކު، ތަޖުރިބާކާރު ގޯލްކީޕަރު ވޮއިޗެޚް ޝެޝްނީ މި ސީޒަނަށްފަހު ބޭނުން ނުކުރުމަށް ކުލަބުން މަޝްވަރާ ކުރަން ފަށައިފިއެވެ.
ޕޮލެންޑްގެ ކެޕްޓަން ލެވަންޑޮވްސްކީ އަކީ ބާސެލޯނާގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. އޭނާއަށް އަހަރަކު ގާތްގަނޑަކަށް 26 މިލިއަން ޔޫރޯ ލިބެއެވެ. ބާސެލޯނާއިން މިހާރު މަޝްވަރާކުރަމުންދަނީ 38 އަހަރުގެ މި ފޯވަޑްގެ މުސާރަ ދެބައިކުޅަ އެއްބައަށް ކުޑަކުރުމަށެވެ.
ސްޕެއިންގެ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާއިން ކުރީގައި ނިންމީ މި ސީޒަނަށްފަހު ލެވަންޑޮވްސްކީ ފޮނުވާލުމަށެވެ. ނަމަވެސް ނިންމުން ބަދަލުކޮށް އަލުން މަޝްވަރާކުރަން ބޭނުންވީ ކުލަބުގައި ކުރިއަށްދާން ކުޅުންތެރިޔާވެސް ބޭނުންވުމުންނެވެ. މީގެ އިތުރުން ބާސެލޯނާއަށް މޮޅު ފޯވަޑަކު ލިބިފައި ނުވުމާއި، މި ސީޒަނަށްފަހު ފޯވަޑަކު ހޯދުމުގައި ދަތިތަކެއް ދިމާވެދާނެކަން ވެސް ކުލަބުން ވަޒަންކުރިއެވެ.
އޭނާ ކުލަބުގައި ބަހައްޓައިފިނަމަވެސް އަންނަ ސީޒަނުގައި ފުރަތަމަ އެގާރައިން ޖާގަލިބުން ދުރުވާނެއެވެ. މިކަމަށްވެސް ލެވަންޑޮވްސްކީ އެއްބަސްވެފައިވާކަމަށް ސްޕެއިންގެ ނޫސްތަކުން ރިޕޯޓުކުރެއެވެ. ލެވަންޑޮވްސްކީ ކުލަބުގައި ބަހައްޓަން ކޯޗު ހަންސީ ފްލިކްވެސް ބޭނުންވެއެވެ. ތިން ސީޒަނަކަށްފަހު ބާސެލޯނާއަށް ބަދަލުވުމަށްފަހު އޭނާ މިހާތަނަށް 100 އަށްވުރެ ގިނަ ގޯލު ޖަހައިދީފައިވެއެވެ.
ލެވަންޑޮވްސްކީއާއެކު ބާސެލޯނާއަށް ކުޅެމުންދާ ޕޮލެންޑްގެ އަނެއް ކުޅުންތެރިޔާއަކީ ކުރީގެ ގައުމީ ކީޕަރު ޝެޝްނީއެވެ. އޭނާ ޓީމަށް ގެނެސްފައިވަނީ މިދިޔަ ސީޒަނުގައެވެ. އެވަގުތު އޭނާ ހުރީ ރިޓަޔާކޮށްގެންނެވެ. ދެ ސީޒަނަށްފަހު ބާސެލޯނާއިން އޭނާ ފޮނުވާލަން ބޭނުންވަނީ އެޖާގަ ޒުވާން ކީޕަރަކަށް ދިނުމަށެވެ.
ޝެޝްނީގެ ކޮންޓްރެކްޓް ބާތިލްކުރާމަތިން އޭނާއަށް ބާސެލޯނާއިން ދެ މިލިއަން ޔޫރޯގެ ބަދަލެއްވެސް ދޭންޖެހޭނެއެވެ.




