ކެންސަރު ޖެހިފައިވާ މީހުންގެ ހިތްވަރާއި އެ ދަތުރުގައި އެމީހުންނާއެކު ބައިވެރިވާ އާއިލާތަކުގެ ސާބިތުކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ފާހަގަކުރެއްވީ ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކެންސަރު ބަލީގެ ކޮންމެ މީހެއްގެ ވާހަކައަކީވެސް ޚާއްޞަކަމެއް ލިބިފައިވާ ތަފާތު ވާހަކައެއް ކަމުގައި ވިދާޅުވިއެވެ. އަދި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ގިނަ އާއިލާތަކަކަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރު ފޯރުމުގެ އިތުރުން، ފަރުވާއަށް ހިނގާ މާލީ ޚަރަދުތަކުގެ ސަބަބުންވެސް ނުތަނަވަސްކަމާ ކުރިމަތިކުރުވާކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކެންސަރު ކޮންޓްރޯލްކުރުމުގެ ޤައުމީ ޕްލޭން 2022-2026 ގެ ދަށުން، ކެންސަރު ބަލިން ރައްކާތެރިވުމާއި، ދުރާލާ ބަލި ދެނެގަނެ، ފަރުވާ ދިނުމާއި، ޕެލިއޭޓިވް ކެއަރ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އަސާސީ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމާއި، ދުންފަތް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އެޅުމުގެ އިތުރުން، ބައިނަލްއަޤުވާމީ ބައިވެރިންނާ ގުޅިގެން ކުރެވެމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު، މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ބަލިމީހުންނާއި ޢާއިލާތަކާ ގާތުން އޮންކޮލޮޖީ ފަރުވާ ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތްތައް، ހުސްވި ޖަނަވަރީމަހުގެ ތެރޭގައި އިފްތިތާޙްކުރެވިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އަމިއްލަ ޖަމްޢިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެފަރާތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުރީފު ކުރައްވާފައިވެއެވެ. އަދި ކޮންމެ މީހެއްގެ ވާހަކައަކީވެސް މުހިންމު ވާހަކައެއްކަމާއި، ކޮންމެ ފުރާނައަކީވެސް މުހިންމު ފުރާނައެއްކަމުގައި ފާހަގަކުރައްވަމުން، މިކަމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ގޮވާލެއްވިއެވެ.
ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓްގައި މިއަދު ހިއްސާކުރެއްވި މެސެޖުގައި، ކެންސަރު ބަލީގައި ކޮންމެ އަހަރަކުވެސް އެތައް ބައެއްގެ ފުރާނަ ގެއްލިގެންދާކަން ފާހަގަކުރައްވައި، ބައްޔާ މެދު ހޭލުންތެރިކަން އިތުރުކޮށް، ބަލިން ރައްކާތެރިވުމަށާއި، ކެންސަރު ބަލި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ދުވަހާ ގުޅިގެން އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓުގައި، އެކަމަނާ ހުންނެވީ ކެންސަރު ބަލީގެ ޕޭޝަންޓުންނާއި، ބަލިޖެހުމަށްފަހު އެ ބަލިން ސަލާމަތްވެފައިވާ މީހުންގެ އިތުރުން އެފަދަ ހުރިހާ ފަރާތްތަކަކަށް އެހީތެތިވެދެއްވާ ބޭފުޅުންނާއެކުގައި ކަމުގައި ވިދާޅުވިއެވެ. އަދި ދިރިއުޅުމުގެ ކޮންޓްރޯލް، ކެންސަރަށް ލިބިގެންނުވާ ފަދަ މުސްތަޤުބަލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ޕޯސްޓުގައި ވަނީ އެދިވަޑައިގެންފައެވެ.
ދުރާލާ، ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި، ބަލި ހުރިކަން ދެނެގަތުމާއި ފަރުވާގެ ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، ކޮންމެ އަހަރެއްގެވެސް ފެބުރުވަރީ މަހުގެ 4 ވަނަ ދުވަސް، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރަނީ، ވަރލްޑް ކެންސަރ ޑޭގެ ގޮތުގައެވެ.




