ސަރުކާރުން ގާއިމްކޮށްފައިވާ "ފަރޓިލިޓީ ކެއަރ ފަންޑް"ގެ ފުރަތަމަ ބުރުން، އައިވީއެފް ފަރުވާއަށް 37 ދެމަފިރިއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ހާމަކޮށްފިއެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު 20ގައި ހުޅުވާލި މި ފުރުޞަތުގައި 50 މީހުންނަށް އެހީދިނުމަށް ހަމަޖެހިފައިވާއިރު، ހުޅުވާލި އެއް މަސްދުވަހުގެ ތެރޭގައި ޖުމުލަ 135 ދެމަފިރިން މި ޕްރޮގްރާމަށް އެދިފައިވެއެވެ.
އެންސްޕާއިން މިހާރު ބުނީ، އެދިފައިވާ ފަރާތްތަކުގެ ތެރެއިން މިންގަނޑުތަކަށް ޝަރުތު ހަމަވާ އަދި ނުވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފައިވާކަމަށެވެ. ޝަރުތު ނުހަމަވާ ސަބަބުތައްވެސް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.
ޝަރުތު ހަމަވެ އެހީ ލިބިފައިވާ 37 ދެމަފިރިންނަށް މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން ފަރުވާގެ ޓްރީޓްމެންޓް ޕްލޭން ހިއްސާކުރުމާ ގުޅޭ މަޢުލޫމާތު ހުށަހަޅަންޖެހޭނެކަމަށް އެންސްޕާއިން ވަނީ އަންގާފައެވެ.
ފަރޓިލިޓީ ފަންޑުގެ އުސޫލުގައިވާ ގޮތުން އައިވީއެފް އަދި އައިޔޫއައި ފަރުވާއަށް އެދޭނީ ޞިއްޙީ މިންގަނޑުތަކަށް ފެތޭ ފަރާތްތަކަށެވެ. މި ޝަރުތުތަކުގެ ތެރޭގައި:
- މަދުވެގެން ތިން އަހަރު ކައިވެނިވެފައިވުން
- ގުދުރަތީ ސަބަބުތަކާހުރެ ދަރިމައިވުމަށް ހުރަސްއެޅޭ މީހުން
- އެހެން ފަރުވާތައް ކޮށްފައި ނާކާމިޔާބުވެފައިވުން
- ސްޕެޝަލިސްޓުންގެ ލަފައިން އައިވީއެފް ނުވަތަ އައިޔޫއައި އެކަށީގެންވާ ފަރުވާކަން ކަށަވަރުވުން
- ދުޅަހެޔޮ ޞިއްޙީ ހާލަތުގައި ތިބުން
ރާއްޖޭގައި ނެޝަނަލް ފަރޓިލިޓީ ސެންޓަރު ގާއިމްކޮށް ދަރިމައިވުމާ ގުޅޭ ފަރުވާގެ ޚިދުމަތް ފުޅާކުރީ 2024 ނޮވެންބަރު 15ގައެވެ. މި ސެންޓަރުގެ ފަރުވާގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް ދެ ކުދިން އުފަންވެފައިވާއިރު، ގިނަ ބަޔަކު ސެންޓަރުން ފަރުވާ ހޯދަމުންދެއެވެ. އަދި ސަރުކާރުގެ އެކި ފަންޑުތަކުގެ އެހީގައި ރާއްޖެއިންނާއި ރާއްޖެއިން ބޭރުންވެސް ގިނަ ބަޔަކު ފަރުވާ ހޯދަމުންދާކަމަށް މަޢުލޫމާތުލިބެއެވެ.




