ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ރޯދަ މާރުކޭޓުން ދިވެހިންނަށް ގޮޅި ދޫކުރަން ހުޅުވާލައިފިއެވެ.
މިއީ، ރަމަޟާން މަހަށް ތައްޔާރުވުމަށް އެޗްޑީސީން ކުރަމުން އަންނަ ގިނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަރައްގީ ކުރި މާރުކޭޓެކެވެ.
މި މާރުކޭޓުން ގޮޅި ދޫކުރާނީ ހިލޭ، އެއްވެސް ކުއްޔެ ނެގުމަކާ ނުލައެވެ. މި ގޮޅިތަކުގައި ވިއްކޭނީ، މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތަކެވެ.
އެގޮތުން، ގޮޅިއަށް އެދި ހުށަހަޅާ ފޯމު މިހާރު މި ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފޯމު ބަލައިގަތުމާއި ގުރުއަތު ނެގުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 15:30 ގައި އެޗްޑީސީގެ ކަސްޓަމަރ ކެއަރ އޮފީސް (ސެންޓްރޯ މޯލް) ގައެވެ.
ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަ ވާގޮތަށް، އެ މާރުކޭޓު ގާއިމް ކޮށްފައިވަނީ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް ދޭތެރޭގައެވެ.




