އިންތިޚާބަކާ ނުލައި 6 ރަށަކުން ޕީއެންސިއަށް 20 ގޮނޑި ލިބިއްޖެ

އިންތިޚާބަކާ ނުލައި 6 ރަށަކުން ޕީއެންސިއަށް 20 ގޮނޑި ލިބިއްޖެ

އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ އިތުރު ބަޔަކު ނުވެ، 6 ރަށަކުން ގޮނޑިތައް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް) ޕާޓީއަށް ލިބިއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ފަރާތުން ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތި ލާފައިވާ 20 ކެނޑިޑޭޓުން އިންތިހާބުތައް ކާމިޔާބުކޮށްފައިވެއެވެ. އެގޮތުން ކޮންގްރެސް ޕާޓީއަށް ކައުންސިލްގެ 6 ގޮނޑި ކަށަވަރު ވެފައިވާއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 14 ގޮނޑި ލިބިފައިވެއެވެ.

ހއ. ބާރަށާއި އުތީމު ކައުންސިލް ރައީސްގެ ގޮނޑިވެސް ޕީއެންސީ އަށް ވަނީ ކަށަވަރު ވެފައެވެ. އަދި، ވިލުފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ 10 ގޮނޑީގެ ތެރެއިން 8 ގޮނޑި މިހާރު ވެސް ވަނީ ޕީއެންސީއަށް ކަށަވަރު ވެފައެވެ.

މީގެއިތުރުން  ބ. އޭދަފުށީ ކައުންސިލްގެ 5 ގޮނޑީގެ ތެރެއިން، އަންހެން މެންބަރުން ތަމްސީލުކުރާ 2 ގޮނޑިވެސް ޕީއެންސީއަށް ލިބިފައިވެއެވެ. އޭދަފުށީގެ އިތުރުން އދ. ދިއްދޫ އާއި އެ އަތޮޅު އޮމަދޫ ކައުންސިލް ރައީސް ކަމުގެ ގޮނޑި އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތައްވެސް ޕީއެންސީއަށް ވަނީ ލިބިފައެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ޖުމްލަ 2،993 ކެންޑިޑޭޓުން ވާދަކުރާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މި އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *