އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 1 ބިލިއަން ރުފިޔާ ދެނީ

އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 1 ބިލިއަން ރުފިޔާ ދެނީ

އިންޑިއާ ސަރުކާރުން ބޭރު ގައުމުތަކަށް ދޭ ހިލޭ އެހީގެ ދަށުން، މި އަހަރު ރާއްޖެއަށް 69.3 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ގައުމުގެ ބަޖެޓުގައި ހިމަނައިފި އެވެ.

މިހާރު އިންޑިއާގެ މަޖިލީހުގައި ބަހުސް ކުރަމުންދާ 2025-2026 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖެއަށް ކަނޑައަޅާފައިވާ މި އަދަދަކީ، ނިމިގެންދާ މާލީ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. 2024-2025 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖެއަށް ދިނުމަށް ނިންމާފައިވަނީ 54.2 މިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ރާއްޖެއަށް ދޭ އެހީ 69 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ނިންމާފަ އެވެ.

އިންޑިއާގެ މާލީ އަހަރު ގުނަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށެވެ. މި ފަހަރުގެ ބަޖެޓުގައި އިންޑިއާއިން އެންމެ ގިނަ ހިލޭ އެހީ ދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެނީ ތިންވަނަ އަށެވެ. މި ލިސްޓުގެ އެއްވަނައިގައި ބޫޓާން އޮތްއިރު، ދެވަނައަށް އެންމެ ގިނަ އެހީ ކަނޑައަޅާފައި ވަނީ ނޭޕާލަށެވެ. އެއީ 87 މިލިއަން ޑޮލަރެވެ.

ރާއްޖެއާ އެއްވަރަށް މޮރިޝަސްއަށްވެސް ވަނީ 69 މިލިއަން ޑޮލަރު ދިނުމަށް ބަޖެޓުގައި ހިމަނާފައެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރާ ހިލާފަށް ބަންގްލަދޭޝްއަށް ކަނޑައެޅި ބަޖެޓު ވަނީ ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްފަ އެވެ. އެގޮތުން 2026-2027 އަށް އެ ގައުމަށް ކަނޑައަޅާފައި ވަނީ 6.5 މިލިއަން ޑޮލަރެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީގެ ދަށުން ގައުމުތަކަށް އެހީގެ ގޮތުގައި ދިނުމަށް ޖުމްލަ 25 ބިލިއަން ޑޮލަރުގެ ބަޖެޓެއް ވަނީ ކަނޑައަޅާފަ އެވެ.

އިންޑިއާގެ ބަޖެޓުގައި ރާއްޖެއަށް މިހާ ބޮޑު އެހީއެއް ކަނޑައެޅުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ރާއްޖޭގެ ތަރައްގީއަށް އިންޑިއާ ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަވެގެންދާ ކަމެއްކަމަށް ރިޕޯތުތައް ބުނެއެވެ.

ފާއިތުވީ ދެ އަހަރު ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ރަސްމީ ދަތުރުފުޅުތައް ކުރައްވާފަ އެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *