މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުން އިސްނަގައިގެން، މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހާއި ހަމައަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ، އެއާޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ) ގައެވެ.
ލޭ ހަދިޔާކުރުމުގެ މި ޕްރޮގްރާމަކީ ކޮންމެ އަހަރަކު ވެސް އެމްއޭސީއެލްގެ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެހެންނަމަވެސް ކުރީ އަހަރުތަކާ ހިލާފަށް މި އަހަރު، ލޭ ހަދިޔާކުރުމުގެ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި، މުއައްސަސާތަކާއި، ކުންފުނިތަކުގެ އިތުރުން، ރިސޯޓް މުވައްޒަފުންނަށް ވެސް ހުޅުވާލައިގެންނެވެ.
އެގޮތަށް ބަދަލުކުރުމުގެ މަގުސަދަކީ ލޭ ލިބުން ދަތިވެ, އެމްބީއެސުން އާންމުންގެ އެހީތެރި ކަމަށް އެދިފައިވާތީ އާއި ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށް އެމްއޭސީއެލުން ވަނީ ބުނެފަ އެވެ.
އެމްއޭސީއެލުން އަންނަނީ މުޖުތަމައަށް ފައިދާ ހުރި މިފަދަ ތަފާތު އިޖުތިމާއީ ހަރަކާތްތައް މެދުނުކެނޑި ހިންގަމުންނެވެ.




