ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޑެންމާކްގެ ކޯޕަންހޭގަން އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެ ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
މި ނަތީޖާ އާއިއެކު ބާސެލޯނާ އަށް ވަނީ ފުރަތަމަ ބުރުގައި ކުޅުނު 8 މެޗުން ޖުމްލަ 16 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. ކޯޕަންހޭގަން އަށް ލިބިފައިވާ 8 ޕޮއިންޓާއެކު އެ ޓީމު ވަނީ މުބާރާތުން ކަޓާފަ އެވެ.
ރޭ ކުޅުނު އެހެން މެޗެއްގައި ސްޕެއިންގެ ރެއާލް މެޑްރިޑް އާއި ދެކޮޅަށް ބެންފީކާ ކުޅޫނު މެޗު 4-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކޮށް ބެންފީކާ އިން ޕްލޭއޮފްގެ ޖާގައެއް ހޯދައިފި އެވެ.
މި ނަތީޖާ އާއިއެކު ރެއާލް މެޑްރިޑަށް ވަނީ ގަދަ އަށެއްގައި ހިމެނި ދެވަނަ ބުރުގެ ސީދާ ޖާގައެއް ހޯދުމުގެ ފުރުސަތު ގެއްލި ޕްލޭއޮފް މެޗެއް ކުޅެން ޖެހިފަ އެވެ. ފުރަތަމަ ބުރުގައި ރެއާލް މެޑްރިޑް ކުޅުނު 8 މެޗުން އެ ޓީމަށް ލިބިފައިވާ 15 ޕޮއިންޓާއެކު އޮތީ ތާވަލުގެ 9 ވަނައިގަ އެވެ. އަދި ބެންފީކާ އަށް 8 މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު ވަނީ 24 ވަނަ މަގާމް ހޯދާފަ އެވެ.
ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގެ ގަދަ އަށް ޓީމަށް ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިގެންދާއިރު ނުވަ އަކުން 24 ވަނަ އަށް ދާ ޓީމުތަކަށް ޖެހޭނީ ޕްލޭއޮފް އިތުރު މެޗެއް ކުޅުމަށެވެ.




