އީރާނާއި އެމެރިކާއާ ދެމެދުގައި އޮތް ނުތަނަވަސްކަން ނުރައްތާތެރި މިންވަރަށް އައިސް، ސަރަހައްދީ ހާލަތު ހޫނުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާ ކަނޑަށް އަސްކަރީ މަނަވަރުތައް ފޮނުއްވައިފިއެވެ. އޭގެ ތެރޭގައި މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫއެސްއެސް އަބްރަހަމް ލިންކަން" ހިމެނެއެވެ. ޓްރަމްޕް ބުނެފައިވަނީ ބޭނުންނަމަ އީރާނަށް ހަމަލާދިނުމަށް މި މަނަވަރުތައް އެ ސަރަހައްދަށް ގެންގޮސްފައިވާ ކަމަށެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރު ޖެނެރަލް މުހައްމަދު ޕަކްޕޫރު ވިދާޅުވީ އީރާނުގެ އަސްކަރިއްޔާ މިހާރު އޮތީ ކުރިއަށްވުރެ ބޮޑަށް ތައްޔާރީ ހާލަތުގައި ކަމަށެވެ. އަދި އެމެރިކާއަށާއި އިސްރާއީލަށް ހަމަލާދިނުމަށް ތައްޔާރަށް ތިބި ކަމަށްވެސް އޭނާ ބުންޏެވެ. އީރާނުގެ ރޫހާނީ ލީޑަރު އަލީ ހާމަނައީ ރައްކާތެރި ބަންކަރަކަށް ބަދަލުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގައި އީރާނާ ގުޅުންހުރި މައްސަލައެއްގައި އިންޑިއާއިން އީރާނާ އެއްކޮޅަށް ވޯޓު ދިނުމުން، އީރާނުގެ ސަފީރު މުހައްމަދު ފަތުހަލީ ވަނީ އިންޑިއާއަށް ޝުކުރު އަދާކޮށްފައެވެ.
ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން އީރާނުގައި ބޮޑެތި މުޒާހަރާތަކެއް ހިނގަމުންދެއެވެ. އިގްތިސާދީ ދަތިތަކާއި ފައިސާގެ އަގު ވެއްޓުމުގެ ސަބަބުން ރައްޔިތުން މަގުތަކަށް ނުކުތުމުން، ސަރުކާރުން އިންޓަނެޓް ބޭނުން ނުކުރެވޭ ގޮތް ހަދާފައިވެއެވެ. އެކްޓިވިސްޓުން ބުނާ ގޮތުގައި މި މުޒާހަރާތަކުގައި 5,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އީރާނުގެ ރަސްމީ ފަރާތްތަކުން މި އަދަދު ކަށަވަރެއް ނުކުރެއެވެ.
ބައިނަލްއަގްވާމީ މުޖުތަމައު މި ހާލަތާމެދު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ސަރަހައްދީ ހާލަތު މާބޮޑަށް ގޯސްވެދާނެ ކަމުގެ ބިރު އެބައޮތެވެ.




