ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު މިއިންްްދުވަހަކުވެސް އުފުލިފައި ނުވާ މިންވަރަކަށް މިއަދު އުފުލި، އައު ރެކޯޑެއް ގާއިމުކޮށްފިއެވެ.
20 ޖެނުއަރީ 2026 ވީ ހޯމަ ދުވަހު، ބައިނަލްއަގުވާމީ ބާޒާރުގައި ރަނުގެ އަގު ވަނީ އައުންސަކަށް ގާތްގަނޑަކަށް 4،716 އާއި 4،720 އެމެރިކާ ޑޮލަރާ ދެމެދުގެ މިންވަރަކަށް އުފުލިފައެވެ. މިއީ ތާރީޚުގައިވެސް ރަނުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
މި ހައިރާންކުރުވަނިި ކުރިއެރުމުގެ ފަހަތުގައިވަނީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ބޮޑެތި ބާރުތަކުގެ މެދުގައި އުފެދިފައިވާ ވިޔަފާރީގެ ހަނގުރާމަތަކެވެ. ޚާއްސަކޮށް، އެމެރިކާގެ މަރުކަޒީ ބޭންކަށް ކުރިމަތިވަމުންދާ ސިޔާސީ ފިއްތުންތަކާއި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި އިގްތިސާދީ އިތުބާރު ކުޑަވުމަކީ ރަނުގެ އަގު އުފުލެން ދިމާވި މައިގަނޑު ސަބަބުތަކެވެ.
އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ރަނުގެ އަގު 4،720 ޑޮލަރަށް އެރުމަކީ ދުނިޔޭގެ ފައިސާތަކަށް އޮތް އިތުބާރު ކުޑަވެ، އިންވެސްޓަރުންނާއި މަރުކަޒީ ބޭންކުތަކުން ރައްކާތެރި މުދަލެއްގެ ގޮތުގައި ރަން ގަންނަން ފެށުމުގެ ނަތީޖާއެވެ. މީގެ ސަބަބުން ހިއްސާގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް، ރަނާ ގުޅުންހުރި ސިނާއަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.
ދުނިޔޭގެ މަސްރަހުގައި މިހާރު އޮތް ނުތަނަވަސްކަން މިގޮތަށް ދެމިއޮވެއްޖެނަމަ، ކުރިއަށް އޮތް ތަނުގައިވެސް ރަނުގެ އަގު އިތުރަށް އުފުލިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް މާލީ އިދާރާތަކުން ލަފާކުރެއެވެ.




