މިދިޔަ އަހަރުގެ ބަޖެޓު ޑެފިސިޓް %73.5 ކުޑަ: ފިނޭންސް

މިދިޔަ އަހަރުގެ ބަޖެޓު ޑެފިސިޓް %73.5 ކުޑަ: ފިނޭންސް

ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޖުމުލަ ޚަރަދުތައް ކުޑަވުމުގެ ސަބަބުން މިދިޔަ އަހަރުގެ ދައުލަތުގެ އޯވަރޯލް ޑެފިސިޓް 73.5 އިންސައްތަ ކުޑަކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސުން ކޮންމެ ހަފުތާއަކު އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޖުމްލަ ޚަރަދުތައް ކުޑަވުމާ ގުޅިގެން ދައުލަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 9.6 ބިލިޔަން ރުފިޔާއިން ދަށްވެފައެވެ. މިއީ ކުރީ އަހަރާ އަޅައިބަލާއިރު 73.5 އިންސައްތައިގެ ދަށްވުމެއްކަމަށް ރިޕޯޓުގައި ބުންޏެވެ.

މިދިޔަ އަހަރުގގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ވަނީ 39.6 ބިލިޔަން ރުފިޔާއަށް އަރާފައި ކަމަށާއި  މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 35.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 12.9 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓުގައި ބުނީ މިދިޔަ އަހަރަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީއަކީ 39.8 ބިލިޔަން ރުފިޔާ ކަމަށެވެ. މިދިޔަ އަހަރުގެ ބަޖެޓު ހުށަހެޅިއިރު ހިލޭ އެހީގެ ގޮތުގައި 2.6 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ބެލެވުނު ނަމަވެސް، އަހަރު ނިމުނުއިރު ލިބިފައިވަނީ 415.2 މިލިޔަން ރުފިޔާ ކަމަށް ރިޕޯޓުގައި ބުންޏެވެ. އަންދާޒާތަކަށްވުރެ ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ މިންވަރު ވަނީ ބަޖެޓުގެ އަންދާޒާތަކަށްވުރެ 5.5 އިންސައްތަ ނުވަތަ 2.0 ބިލިޔަން ރުފިޔާ އިތުރަށް ލިބިފައި ކަމަށް ފިނޭންސުން ބުންޏެވެ.

ޓެކުހުގެ އާމްދަނީގެ ގޮތުގައި ޖުމްލަ 29.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރު ލިބުނު 26.4 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް، ޓީ.ޖީ.އެސް.ޓީ.ގެ ގޮތުގައި 11.0 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރު ލިބުނު 9.5 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 15.2 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 10.0 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ ކުރީ އަހަރުގެ 8.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %24.0 ގެ ކުރިއެރުމެކެވެ. އަދި ފާސްކުރި މިންވަރަށްވުރެ 2.0 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.

ރިޕޯޓުގައިވާގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުރީ 13.1 ބިލިޔަން ރުފިޔާގައެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު ވަނީ 3.5 ބިލިޔަން ރުފިޔާއަށް ކުޑަކުރެވިފައެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކުރުމާއެކު އާމްދަނީގެ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުގެ ހެޔޮ ނަތީޖާކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

އިންވެސްޓަރުން ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ވަޒަންކުރުމުގައި ބަލާ މުހިންމު މިންގަނޑެއް ކަމަށްވާ ޕްރައިމަރީ ބެލެންސް (ދަރަނީގެ އިންޓްރެސްޓް ޚަރަދު ނުހިމަނައި، އާމްދަނީއާއި ޚަރަދުގެ ފަރަގު) ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެގޮތުން2024 ވަނަ އަހަރު 8.4 ބިލިޔަން ރުފިޔާއިން ޑެފިސިޓްވި ޕްރައިމަރީ ބެލެންސް، 2025 ވަނަ އަހަރު ނިމުނުއިރު ހުރީ 1.2 ބިލިޔަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ. މިއީ ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރަށް ޕްރައިމަރީ ސަރޕްލަސް އެއްގައި މާލީ އަހަރެއް ނިންމާލެވުނު ފުރަތަމަ ފަހަރުކަން މާލީ ވުޒާރާއިން ފާހަގަކުރައްވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *