ކައުންސިލު އިންތިޚާބުގައި ޕީއެންސީއަށް 98 ޕަސެންޓު ލިބޭނެ: އިއްބެ ޖަނާބު

ކައުންސިލު އިންތިޚާބުގައި ޕީއެންސީއަށް 98 ޕަސެންޓު ލިބޭނެ: އިއްބެ ޖަނާބު

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް 98 ޕަސެންޓު ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު އިއްބެ) ރޭ ވިދާޅުވެއްޖެއެވެ.

ކައުންސިލު އިންތިޚާބުގައި ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި އެ ޕާޓީން ޕްރައިމަރީ ބޭއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިބްރާހީމް ވިދާޅުވީ، އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ކައުންސިލު އިންތިޚާބަށް ޕީއެންސީން އަންނަނީ ތައްޔާރުވަމުން ކަމަށާއި، މިހާރު ކުރިއަށް ދަނީ ކެންޑިޑޭޓުންގެ ކަންކަން ފައިނަލްކުރުމުގެ މަސައްކަތް ކަމަށެވެ. މި ހަފުތާގެ ނިޔަލަށް އެ މަސައްކަތް ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން މި އިންތިޚާބުގައި ޕީއެންސީން 1،300އެއްހާ ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ބޮޑު އިދިކޮޅު އެމްޑީޕީން 300 ކެންޑިޑޭޓުން ވާދަނުކުރާ ކަމަށް އިބްރާހީމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަންދާޒާއަކީ 98 ޕަސެންޓު އަޅުގަނޑުމެންނަށް ލިބޭނެއޭ. އެއީ އަޅުގަނޑުމެންނަށް ލިބޭނެއޭ މި ދަންނަވާ ވާހަކައަކީ، ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ކުރައްވާ އިތުބާރު ހަމަ އެ އޮތް ގޮތަށް އެބަ ދަމަހައްޓަވާ،" މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވަމުން ކަމަށް އިބްރާހީމް ވިދާޅުވިއެވެ. އެހެންވެ، ރައްޔިތުން ކައުންސިލަރުކަން ހަވާލުކުރަން ބޭނުންވަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ފަރާތްތަކަށް ކަމަށް އިބްރާހީމް ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ ވަނީ "ބޯހިޔާވަހިކަން އެންމެންނަށް" ގެ ނަމުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާހުކޮށްފައެވެ. މި ސިޔާސަތުގެ ދަށުން 7،500 ފުލެޓާއި 15،000 ގޯތި ސަރުކާރުން ދޫކުރާނެއެވެ. މިއަދު ވަނީ އެ ސިޔާސަތުގެ ދަށުން ގޯއްޗަށާއި ފުލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލައިފައެވެ.

އެކަމަށް އިޝާރާތްކުރައްވައި އިބްރާހީމް ވިދާޅުވީ، އިދިކޮޅު ކައުންސިލަރުން ހޮވިއްޖެނަމަ އެ ގޯތިތައް ސަރުކާރުން ހަވާލުކުރުމަށް ހުރަސް އަޅައި އެ މަސައްކަތް ދަންމާލުން އެކަށީގެންވާ ކަމަށެވެ. އާންމުންގެ ހައްގުތަކާ ގުޅުންހުރި މިފަދަ ކަންކަމުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ބޭނުންވަނީ ޕީއެންސީގެ ކެންޑިޑޭޓުން ކައުންސިލުތަކަށް ހޮވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުގެ އެޖެންޑާއަށާއި ޕީއެންސީއަށް އާންމުންގެ އިތުބާރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *