އީރާންގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އާންމު ރައްޔިތުން ނުކުމެ ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، މިހާތަނަށް 2،000 އެއްހާ މީހުން މަރުވެފައި ވާކަމަށް އީރާން ސަރުކާރުގެ އިސް އޮފިޝަލަކު ހާމަކުރައްވައިފި އެވެ.
ރޮއިޓަރސް ނޫހަށް މަޢުލޫމާތު ދެއްވަމުން އެ އޮފިޝަލް ވިދާޅުވީ، މަރުވި މީހުންގެ ތެރޭގައި މުޒާހަރާގެ ބައިވެރިންގެ އިތުރުން އީރާންގެ ސަލާމަތީ ބާރުތަކުގެ އޮފިސަރުންވެސް ހިމެނޭ ކަމަށެވެ. އަދި މި މަރުތަކުގެ ފަހަތުގައި ތިބީ މުޒާހަރާ ކުރުމުގެ ނިވަލުގައި ތިބެ، އާންމުންނަށާއި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ޙަމަލާދެމުންދާ ނިރުބަވެރި ބަޔަކު ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އީރާނުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލުމާ ގުޅިގެން ރައްޔިތުން މުޒާހަރާކުރަން ފެށީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. މި މުޒާހަރާތައް މިހާރު މުޅި ޤައުމުގެ އެކި ސަރަޙައްދު ތަކަށް ފެތުރިފައިވާއިރު، މުޒާހަރާގެ ބައިވެރިންގެ މުވާސަލާތީ ގުޅުންތައް ކަނޑުވާލުމަށްޓަކައި އީރާންގެ ބޮޑު ސަރަޙައްދަކުން އިންޓަރނެޓުގެ ޚިދުމަތްވެސް ވަނީ ކަނޑާލައިފަ އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އީރާނަށް ހަރުކަށި އިންޒާރުތަކެއް ދެއްވަމުންނެވެ. ޓްރަމްޕް ވިދާޅުވީ މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް އީރާން ސަރުކާރުން އެކަށީގެންނުވާ ބާރުގެ ބޭނުންކުރާނަމަ، ރައްޔިތުންގެ ދިފާޢުގައި އެމެރިކާއިން އީރާނަށް އަރާނެ ކަމަށެވެ.
މީގެ އިތުރުން، ޓްރަމްޕް އިއްޔެ ވަނީ އީރާނާއެކު ވިޔަފާރީގެ ގުޅުން ބާއްވާ ޤައުމުތަކުން އެމެރިކާއަށް ބޭރުކުރާ މުދަލުން 25 އިންސައްތައިގެ ޑިޔުޓީއެއް ނަގާނެކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ. އެމެރިކާގެ މި ނިންމުމާ ގުޅިގެން ޗައިނާ އާއި ރަޝިޔާއިން ވަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
އީރާން ސަރުކާރުން ތުހުމަތުކުރާ ގޮތުގައި، އެމެރިކާއިން މަސައްކަތް ކުރަމުންދަނީ މުޒާހަރާތަކުގެ ނިވަލުގައި އީރާންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ، އެ ޤައުމުގެ މައްޗަށް ބާރުފޯރުވުމަށެވެ. މި މުޒާހަރާތަކަކީ ފަހުގެ ތާރީޚެއްގައި އީރާނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެތެރޭގެ ހަމަނުޖެހުންތަކެވެ.




