ސައުދީ އަރަބިއްޔާގެ ރިޔާދުގައި މިހާރު ކުރިއަށްދާ ސްޕެނިޝް ސުޕަރ ކަޕްގެ ފުރަތަމަ ސެމީ ފައިނަލްގައި އެތުލެޓިކް ކްލަބްގެ މައްޗަށް 5-0 ގެ ބޮޑު ތަފާތަކުން ކުރިހޯދައި، ބާސެލޯނާ އިން މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުކޮށްފި އެވެ.
ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި ކުޅުނު މި މެޗުގައި ބާސެލޯނާ އިން ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފަ އެވެ. މިގޮތުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މިއާއެކު ބާސެލޯނާ ވެފައިވަނީ ސުޕަރ ކަޕްގެ ތާރީޚުގައިވެސް ސެމީ ފައިނަލް މެޗެއްގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހި ފުރަތަމަ ޓީމަށެވެ.
މިހާތަނަށް 15 ފަހަރު މި މުބާރާތުގެ ތަށި އުފުލާލާފައިވާ ބާސެލޯނާ އިން މެޗުގެ ލީޑު ނެގީ 22 ވަނަ މިނިޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒް އެވެ. އޭގެ އަށް މިނިޓު ފަހުން ފާމިން ލޮޕޭޒް ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ. ބާސެލޯނާގެ ތިންވަނަ ލަނޑު މެޗުގެ 34 ވަނަ މިނިޓުގައި ސްވިޑަންގެ ރޫނީ ބާޑްގީ ކާމިޔާބުކޮށްދިންއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ރަފީނިއާ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފަ އެވެ.
މެޗުގެ ފަހު ހާފު ފަށައިގެން މާގިނަ އިރުތަކެއް ނުވަނީސް، 52 ވަނަ މިނިޓުގައި ރަފީނިއާ ވަނީ އޭނާގެ ދެވަނަ ލަނޑާއެކު ބާސެލޯނާގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
މި މުބާރާތުގެ ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނާނެ ޓީމެއް އެނގޭނީ ދެވަނަ ސެމީ ފައިނަލުގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗަށްފަހުގަ އެވެ. ބާސެލޯނާގެ މި ފުރިހަމަ މޮޅާއެކު އެ ޓީމު އޮތީ ސުޕަރ ކަޕްގެ 16 ވަނަ ތަށި ހޯދުމުގެ ވަރުގަދަ އަޒުމެއްގަ އެވެ.




