ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދިން ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އިތުރު 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި މިހާރުވެސް 9 އަހަރުގެ ޖަލު ހުކުމެއް ބައްސާން ގެންދަނީ ތަންފީޒު ކުރަމުންނެވެ. ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް އޭނާ ހިޔާނާތްތެރިވި މައްސަލައިގައެވެ.
ދައުލަތުން ދައުވާ ކުރާ ގޮތުގައި، އެފައިސާ ބައްސާމް ބޭނުން ކުރީ އަމީން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ. އެކަން ކޮށްފައިވަނީ ދައުވާގައިވާ ގޮތުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެ ފައިސާ އެޕާޓްމެންޓް ގަތުމަށް އަމީންއަށް ޖަމާކޮށްގެންނެވެ.
އެ މައްސަލައިގައި ދައުލަތުން އުފުލި ދެ ދައުވާވެސް ބައްސާމްގެ މައްޗަށް ސާބިތުވާ ކަމަށް ޝަރީއަތުން ވަނީ މިދިޔަ އާދިއްތަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. އެ މައްސަލަތަކުގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ހިޔާނާތުގެ ދައުވާއަށް އަސާސީ އަދަބުގެ ތިން ދަރަޖަ މަތިކޮށް، 8 އަހަރުގެ ޖަލު ހުކުމެކެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި 7 މަހުގެ ޖަލަށްލުމެވެ.
އެފްއޭއެމްއިން ޑޮލަރު މާރުކުރަން ކަމަށް ބުނެ ނެރުނު 1.2 މިލިއަން ޑޮލަރަކީ އެފްއޭއެމްއަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، އެ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށްވެސް ބައްސާމްގެ މައްޗަށް އަމުރުކުރި އެވެ.
މަނީ ލޯންޑްރިންގެ ކުށަށް ގާޒީ ނިންމެވީ އެ ކުށާ ގުޅޭ އެންމެ ބޮޑު އަދަބު ބައްސާމްގެ މައްޗަށް ކަނޑައަޅާށެވެ. އެގޮތުން 15 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ލޯންޑާކުރި ފައިސާގެ ފަސް ގުނަ އަދަދުގެ ޖޫރިމަނާއެއް ބައްސާމްގެ މައްޗަށް ކަނޑައެޅި އެވެ.
އެގޮތުން ޖޫރިމަނާގެ ގޮތުގައި ބައްސާމްގެ މައްޗަށް ކަނޑައެޅީ ޖުމްލަ 44.7 މިލިއަން ރުފިޔާ އެވެ. އެ މައްސަލައިގައި ދައުވާ އުފުލިއިރު ބައްސާމްގެ އެޕާޓްމެންޓް ދައުލަތަށް ނެގުމަށް ވެސް ދައުލަތުން އެދުނެވެ. ނަމަވެސް، ހިޔާނާތްވި ފައިސާ ބޭނުންކޮށްފައިވަނީ އެ އެޕާޓްމެންޓް ގަންނަންކަން ސާބިތު ނުވާތީ، އެ ހުށަހެޅުން ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އޭގެ ބަދަލުގައި ދައުލަތުން އެދިފައިވަނީ ބައްސާމް ލޯންޑާކުރި ފައިސާ ދައުލަތަށް ނެގުމަށެވެ. އެ މައްސަލާގައި ސާބިތުވެފައިވަނީ 61 ދުވަސް ތެރޭގައި އެޕާޓްމެންޓް ގަންނަން ބައްސާމް ދެއްކި 5.7 މިލިއަން ރުފިޔާއަކީ ލޯންޑާކޮށްގެން ހޯދި ފައިސާ ކަމެވެ




