ޒަކާތު ގާނޫނުގެ ދަށުން އަލަށް އުފެއްދި "ޒަކާތު ކައުންސިލް" ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ހުޅުވާލާފައިވާ ފުރުޞަތުގެ ދަށުން ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން 2 މެންބަރުން އެ ކައުންސިލަށް ޢައްޔަން ކުރާނެއެވެ.
ޒަކާތު ކައުންސިލް މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިމަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށެވެ. ރައީސް އޮފީހުން ބުނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޯމު ބަލައިގަންނާނެ ކަމަށެވެ.
މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުލްލޯޑް ކުރެވޭނެއެވެ.




