އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން އިޢުލާން ކުރެއްވީ ދިވެހި ބަހުގެ އެކެޑަމީން ކުރިއަށް ދިޔަ ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދިވެހީން ދިވެހީންނަށް ވަނީ ދިވެހި ބަހުގެ ސަބަބުން ކަމަށާއި ދިވެހިބަސް އެއްޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭން އޮތް ފުރުސަތަށް ބަލާއިރު، ކުޑަކުދީން ކިޔާނެ ދިވެހި ފޮތްތައް ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކުޑަކުދިން ކިޔާނެ ފޮތްތައް ލިޔުއްވަން ބޭނުންވާ ފަރާތްތަކާއި މިހާރުވެސް ފޮތްތައް ލިޔުއްވަމުންދާ ފަރާތްތައް ތިއްބެވިކަން ފާހަގަ ކުރައްވާ، އެފަދަ ފޮތްތައް ޗާޕް ކުރުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތައް ހުރިކަމުގެ ކަންބޮޑުވުން އެތައް ފަރާތްތަކަކުން ފާޅުކުރައްވަމުން ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކީ ޤައުމީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ އެކަމާ އަޅާނުލައްވާ ދޫކޮށް ނުލައްވާނެ ކަމަށެވެ.
އަދަބިއްޔާތަކީ ޤައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެއް ކަމަށާއި ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރި ކަމަކީ ޤައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިދާއިރާ ކުރިއަރުވަން ސަރުކާރުން ދެއްވާ ސަމާލުކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ޢިލްމީ އަދަބީ އަޚްލާޤީ އަދި ސަގާފީ އިންޤިލާބީ ބަދަލެއް ގެނައުމަށް އެމަނިކުފާނު ބޭނުންފުޅުވާކަމަށެވެ.
ރޭ ނަތީޖާ ފާޅުކުރެވުނު މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތް މިހާތަނަށް ކުރިއަށް ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އިނާމު ލިބޭ މުބާރާތެއްގެ ގޮތުގައެއް ނޫން ކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވަނީ އަންނަ އަހަރުން ފެށިގެން ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތަކީ ޤައުމީ މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދަވާނެ މުބާރާތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަން އިއުލާން ކުރައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ އަދަބީ މުބާރާތުގައި ބައިވެރިވި ކުދީންގެ ކިބައިގައިވާ ހުނަރަކީ ވަރަށް ބޮޑު އަމާނާތެއް ކަން ހަނދާންކޮށްދެއްވާ އެކުއްޖަކަށް ލިބިފައިވާ އަދަބީ ޤާބިލުކަން ދިވެހި ޤައުމާ އެއްކޮޅަށް އަބަދުވެސް ބޭނުން ކުރެއްވުމަށް ގޮވާލައްވަމުންނެވެ.
ރޭ ބޭއްވި ޤައުމީ އަދަބީ މުބާރާތްތަކުން އެއްވަނައަށް ހޮވުނު ބޭފުޅުންނާއި ދަރިވަރުންނަށް އަދި މުބާރާތްތަކުން 1 ވަނައަށް ހޮވުނު އޮފީސްތަކާއި ސްކޫލްތަކަށް އިނާމު ޙަވާލު ކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އަދި ދެވަނައަށް ހޮވުނު ފަރާތްތަކަށް އިނާމުދެއްވީ ރައީސުލްޖުމްހުރިއްޔާ ގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.





