އާންމުކޮށް ފިހާރަ ތަކަށް ލައިގެން ވިއްކަމުން އަންނަ ބައެއް ބާވަތްތައް ފާޚާނާ ތެރޭގައި ކައްކައި އެތަކެތި ބާޒާރަށް ނެރެ ވިއްކަމުންދިޔަ ބިދޭސީންތަކެއް ރޭ ހައްޔަރު ކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ރޭ ހިންގި ޚާއްސަ އޮަޕަރޭޝަނެއްގައި، މާލޭގެ ދިލްކުޝާގޯޅީގައި ބިދޭސީން ދިރިއުޅެމުންދިޔަ ތަނެއް ބަލައި ފާސްކުރިއިރު، އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރ ކުރަމުންދިޔަ ތަނަކުން ބިދޭސީންތަކެއް އަތުލައިގެންފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ރޭ ވަނީ ބިދޭސީން ދިރިއުޅެމުންދާ 4 އެކޮމޮޑޭޝަން ބްލޮކް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުންދިޔަ 18 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން އެތަންތަން ބަލައި ފާސްކޮށް ބިދޭސީން ހައްޔަރު ކުރުމަށްފަހު ވަނީ، ބިދޭސީން ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ ފާޚާނާތެރޭގައި އެތަކެތި ތައްޔާރު ކުރަމުންދާ ފޮޓޯތައްވެސް އާންމު ކޮށްފައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ކައްކާ ގޭސް އުނދުންވެސް ހުރީ ފާޚާނާ ތެރޭގައެވެ. އަދި ކާބޯތަކެތި ފާޚާނާ ތެރޭގައިވެސް ހުއްޓެވެ. އަދި އެމީހުން ނިދާ އެނދު ހިމެނޭ ތަނުގައިވެސް ކެއްކުމުގެ ކަންކަން ކުރަމުންދެއެވެ.

ފިރާތަކަށް ލައިގެން ވިއްކައި، ދިވެހިން ގިނައިން ގަނެ، ކައި އުޅޭ ބަޔެއް ބާވަތްތައްވެސް އެމީހުން ދިޔައީ ފާޚާނާ ތެރޭގައި ކައްކައި ބަންދު ކުރަމުންނެވެ. އޭގެތެރޭގައި ވަޅޯމަސް ޕަކެޓާއި ބަޔެއް ކުޅި އަދި ފޮނި ބާވަތްތައްވެސް ފެންނަން ހުއްޓެވެ.




