ހޮންކޮންގްގެ ގްރޭޓާ ބޭ އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެންޑް ސާވިސަސް އެޖެންޓް (ޖީ.އެސް.އެސް.އޭ) އަކަށް އިނާ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު އެކަން ހާމަކުރައްވައި ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަންނަ އަހަރުގެ ފެބްރުއަރީ މަހުން ގްރޭޓާ ބޭ އެއާލައިންސްއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެ ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ހޮންކޮންގް، ސަރަހައްދު އަދި ރާއްޖެއާ ދެމެދު ގުޅުން ބަދަހިވެ، ދަތުރުފަތުރުގެ އައު ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށް ފިރާގު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބި، އިގްތިސޯދީ ގޮތުން ފައިދާތަކެއް ލިބިގެންދާނެ ކަމަށް ފިރާގު ވިދާޅުވި އެވެ.
ގްރޭޓާ ބޭ އެއާލައިންސްއަކީ، ޓޯކިޔޯ، އޮސާކާ، ތައިޕޭ، ސޯލް، ހޯޗިމިން ސިޓީ، ބެންކޮކް އަދި ސިންގަޕޫރު ފަދަ މުހިންމު މަންޒިލްތަކަށް މިހާރުވެސް ދަތުރުކުރަމުންދާ އެއާލައިނެއް ކަމަށް ފިރާގު ވިދާޅުވި އެވެ.
އެ އެއާލައިންގެ ފުޅާވަމުންދާ ނެޓްވޯކާއި، ރަނގަޅު ފެންވަރުގެ ހިދުމަތް ދިނުމަށް އޮތް ކޮމިޓްމަންޓާއެކު، ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކަކީ އެ އެއާލައިންގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފިރާގު ވިދާޅުވި އެވެ.





