އޭސް ޓްރެވަލްސްއާއެކު ފިރާގުގެ 20 އަހަރުގެ ދަތުރުން ކިޔައިދެނީ ހިންގުމުގެ ހުނަރާއި އިތުބާރާއި ތެދުވެރިކަމުގެ ވާހަކަ!

އޭސް ޓްރެވަލްސްއާއެކު ފިރާގުގެ 20 އަހަރުގެ ދަތުރުން ކިޔައިދެނީ ހިންގުމުގެ ހުނަރާއި އިތުބާރާއި ތެދުވެރިކަމުގެ ވާހަކަ!

މި ކިޔައިދެނީ "އޭސް ޓްރެވަލްސް" ނަމުގައި ކުންފުންޏެއް ހައްދަވައިގެން، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފިރާގު މީގެ ވިހި އަހަރު ކުރިން ފެއްޓެވި ދަތުރުގެ ވާހަކައެވެ. ކުންފުންޏާއެކު ހުއްޓުމެއް ނެތި ވިހި އަހަރު ދަތުރު ކުރެއްވިއިރު ކަސްޓަމަރުންގެ އިތުބާރު ހޯއްދަވައިގެން ކާމިޔާބީގެ މަންޒިލަށް ބީއްސާލި ދަތުރުގެ ވާހަކައެވެ. ކުރިމަގުގައިވެސް މި ދަތުރު ހުއްޓުމެއް ނެތި އިތުރު ކާމިޔާބީތައް ހޯދުމަށް، ކަސްޓަމަރުންގެ ލޯތްބާއި އިތުބާރާއެކު، ދެން ދާން އޮތް މަންޒިލަށް އުދުހެން ވިސްނުން ގެންގުޅުއްވާ ގޮތުގެ ވާހަކައެވެ.

އޭސް ޓްރެވަލްސްގެ ކާމިޔާބީގެ ވާހަކައަކީ ހަމައެކަނި ވިޔަފާރިއެއްގެ ކާމިޔާބީގެ ވާހަކައެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ އަމިއްލަ ވިޔަފާރި ތަކަށް އިބުރަތަކަށްވެސް ވާނެ ވާހަކަ އެކެވެ. މިއީ 2005 ވަނަ އަހަރު އެންމެ އެއާލައިން ޑެސްކަކުން މަސައްކަތް ފެއްޓި ކުޑަކުޑަ ކުންފުންޏެއް މައްޗަށް އުދުހި ގޮސް، ގައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ގަދަރު ލިބިފައިވާ ބްރޭންޑަކަށް ބަދަލުވެގެން ދިޔަ ގޮތުގެ ވާހަކައެވެ. މިއީ ދިވެހިރާއްޖޭގެ އަމިއްލަ ވިޔަފާރި ތަކުގެ ޤާބިލުކަމާއި، ދަތުރުފަތުރުގެ ސިނާޢަތުގެ ދެމެހެއްޓެނިވި ކުރިއެރުމާއި، އަދި ވިޔަފާރީގައި އިންސާނީ ގުޅުންތަކުގެ މުހިންމު ކަމުގެ ވާހަކައެކެވެ. މިއީ ދިވެހިރާއްޖޭގެ ދަަތުރުފަތުރުގެ ސިނާޢަތް ބަދަލުވަަމުން އައިސްފައިވާ ގޮތުގެ ވާހަކައެކެވެ. ދުރުވިސްނުމާއި، ވަރުގަފަ ޢަޒުމާއި، އަދި އިންސާނީ ގުޅުން ތަކުގެ ބާރުގެ ވާހަކައެކެވެ.

އޭސް ޓްރެވަލްސްއާއެކު އަހަރެމެން މި ދަތުރަށް އެރުމުގެ ކުރިން ސާފުކޮށްލުން މުހިންމު އެއްކަމެއް އެބައޮތެވެ. ދަތުރުފަތުރުގެ ދާއިރާއިން ކުރިއަށް ވަޑައިގަތުން ފިރާގު އިޚްތިޔާރު ކުރެއްވީ ކީއްވެގެންތޯ ބަލާލުމަކީވެސް މުހިންމު އަދި ޝައުގުވެރި ވާހަކައަކަށް ވެދާނެއެވެ.

ވީގޮތް މި ކިޔައިދެނީއެވެ. އޭނާގެ ރަޙްމަތެރިޔަކާއެކު އެއްދުވަހަކު ދެކެވުނު ވާހަކައެކެވެ. ދަތުރުފަތުރުގެ ދާއިރާއަކީ ފިރާގާ ވަރަށް ގުޅޭ ދާއިރާއެއް ކަމަށް ރަޙްމަތްތެރިޔާ އެދުވަހު ބުންޏެވެ. އަދި އެކަން ވަރަށް ބޮޑަށް ފިރާގަށް ވިސްނައިދީ، އެ ދާއިރާއިން ކުރިއަށްދާން އެ ރަޙްމަތްތެރިޔާ ހިތްވަރުވެސް ދިނެވެ. އޭސް ޓްރެވަލްސްއާއެކު މި ދަތުރަށް ފިރާގު އަރަން ނިންމެވި ހިސާބަކީ އެއީއެވެ. މި ދިގު ދަތުރުގެ ތެރެއިން ޔަގީންކަން ކުޑަވާ ފަހަރުވެސް ދިޔައެވެ. ނަމަވެސް، އެދުވަހު ރަޙްމަތްތެރިޔާއާއެކު ދެކެވުނު ވާހަކައިން އޭނާއަށް ލިބިގެންދިޔަ އިތުބާރާއި ޔަގީންކަމުގެ ހަނދާން އެފަދަ އުދަނގޫ ވަގުތުވެސް ހިތްމައްޗަށް ގެންނެވިއެވެ.

އޭސް ޓްރެވަލްސްއާއެކު ފިރާގު ފެއްޓެވި މި ދަތުރަކީ މި ދާއިރާއިން އެންމެ މައްޗަށް ދިއުމަށް އަމާޒު ހިފައިގެން ވަރުގަދަ އަޒުމެއްގައި ފެއްޓެވި ދަތުރެކެވެ. ކުންފުންޏަށް ވިހި އަހަރުވުން ފާހަގަ ކުރެއްވުމަށް މި އަހަރު ތައްޔާރުވިއިރު، އޭސް ޓްރެވަލްސް ވަނީ ވިހި އަހަރުގެ ތެރޭގައި އޭނާ ޙާސިލް ކުރަން ބޭނުންފުޅުވި ގިނަ ލަނޑުދަނޑިތައް ޙާސިލްކޮށް، މި ދާއިރާއިން ރާއްޖޭގެ އެންމެ އިތުބާރު ބޮޑު، އެންމެ މަގްބޫލު އެއް ކުންފުންޏަކަށް ވެފައެވެ. މިއީ ހަމަ ހުރެފައިވީ ކަމެއްނޫނެވެ. އޭނާގެ ދުރު ވިސްނުމާއި، ވަރުގަދަ އަޒުމާއި، ހިންގުމުގެ ގާބިލު ކަމާއި، ޓީމްވޯކާއި، މުވައްޒަފުންގެ އިޚްލާސްތެރި މަސައްކަތާއި، ކަސްޓަމަރުންގެ ލޯތްބާއި އިޙްތިރާމާއި އެއްބާރުލުމުގެ ނަތީޖާއެވެ.

އޭސް ޓްރެވަލްސް މޯލްޑިވްސްއަށް ވިހި އަހަރު ފުރުން ފާހަގަކުރިއިރު، ކުންފުނިން ވަނީ ހިތްވަރާއި، ކެރިފޯރުންތެރިކަމާއި، ޚިދުމަތްތެރި ކަމުގެ މަތީގައި ދެމިތިބުމުގެ ސިފަތައް ހިމެނޭ ބަދަލު ތަކެއް ގެނެސްދޭ ދަތުރެއް ކޮށްފައެވެ. މި ކުންފުނި އުފެއްދުމަށްފަހު ފިރާގުގެ ފުރަތަމަ އަމާޒަކީވެސް މި ދާއިރާއިން ރާއްޖޭގެ އެންމެ މަގުބޫލު ބްރޭންޑް ތަކުގެ ތެރެއިން ބްރޭންޑަކަށް  އެ ކުންފުނި ހެއްދެވުމެވެ. މިއީ ފަސޭހަ ދަތުރެއްނޫނެވެ. ގޮންޖެހުން ގިނަ ދަތުރެކެވެ. ނަމަވެސް ގެންގުޅުއްވި އުސޫލު ތަކުގެ ހަރުދަނާ ކަމާއި، ހިންގުމުގެ ވައްޓަފާޅި ފުރިހަމަވުމާއި، މުވައްޒަފުންގެ ކެތްތެރިކަމާއި ކުންފުންޏާމެދު އޮތް ލޯބީގެ ސަބަބުން ގޮންޖެހުންތަކުގެ ތެރެއިންވެސް ކަސްޓަމަރުންގެ ހިތް މި ދަތުރުން އޭނާގެ ކުންފުނިން އަތުލެއްވިއެވެ. އެއީ "ވަރުގަދަ" އަދި "ޖޯޝުގަދަ" އަދި "ކާމިޔާބު" ގެ ޝިއާރުގެ ދަށުން، ޓެސްޓަކަށްފަހު ޓެސްޓަކުން ފާސްވަމުން ގޮސް ވިޔަފާރީގައި ހޯއްދެވި ކާމިޔާބެވެ.

މި ދިގު ދަތުރުން ފިރާގަށް ކުރިމަތިލާން ޖެހުނު އެންމެ ފުރަތަމަ ގޮންޖެހުމަކީ އެ ކުންފުންޏަށް އާންމުންގެ އިތުބާރު ހޯދުމެވެ. ނަމަވެސް އޭނާ އާއި އޭނާގެ ޓީމު ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ކުރަމުންދިޔަ މަސައްކަތުން އާންމުންގެ އިތުބާރުވެސް ހޯއްދެވިއެވެ.

"ފެށުމުގައި އަޅުގަނޑުމެންނަކީ އިތުބާރު ހުރި އަދި ބަރޯސާވެވޭ ބައެއްކަން ސާބިތު ކުރަން ޖެހުނު. އިތުބާރަކީ ހަރުދަނާ ޚިދުމަތްތަކެއް ދިނުމުގެ ތެރެއިން ލަސްލަހުން ބިނާކުރެވޭ އެއްޗެއް" ފިރާގު ވިދާޅުވިއެވެ.

އޭސް ޓްރެވަލްސްއާއެކު ފިރާގު އުދުހެން ފެށި ދަތުރުގައި، އެންމެ ފުރަތަމަ ބޮޑު އެއާރލައިނެއްގެ ޕާޓްނަޝިޕް ހޯއްދެވުނު ހިސާބަކީ އިތުރު ގިޔަރެއް ހިއްލާލަން ލިބުނު ރަނުގެ ފުރުޞަތަކަށް ވެގެންދިޔައެވެ. އެއީ ސްރީލަންކަން އެއަރލައިންސްގެ ޕެސެންޖަރ ސޭލްސް އޭޖެންޓްގެ ގޮތުގައި ފުރަތަމަ ބޮޑު އެއަރލައިން ޕާޓްނަރޝިޕް ލިބިގެން ދިޔަ ފުރުޞަތެވެ. މިއީ ދަތުރުފަތުރުގެ ސިނާޢަތުގައި، އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި އޭސް ޓްރެވަލްސް ގާއިމް ކުރި މުހިންމު ފިޔަވަޅެކެވެ.

"އެއީ އަޅުގަނޑުމެންނަށް ހަގީގަތުގައިވެސް ކުރިއަރައި ދެވިދާނެކަން އަޅުގަނޑަށް ވިސްނުނު ވަގުތު،" ވިހި އަހަރުގެ ދަތުރަށް ފަހު ފިރާގު އެ ހަނދާން އާ ކުރެއްވިއެވެ.

އެއަށްފަހު ގިނަ އެއަރލައިންތަކާއެކު މަސައްކަތް ކުރަން ފެށުމާއެކު ސަރަޙައްދީ ފުޅާވުން އަވަސްވެ، ނެޓްވޯކްތައް ވަރުގަދަ ވެގެން ދިޔައެވެ. ބައިނަލްއަޤްވާމީ އެއަރލައިން އެއްބަސްވުންތަކުގައި ސޮއި އެޅި، އޭސް ޓްރެވަލްސްގެ ޕްރޮފައިލް އުފުލެން ފެށިއެވެ.

އޭސް ޓްރެވަސްއާއެކު ފިރާގު ފެއްޓެވި ދަތުރުގައި ކުރިމަތިވި އެންމެ އުދަނގޫ ދަނޑިވަޅަކަކީ މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްލި، ކޮވިޑްގެ އާލަމީ ވަބާގެ ވަގުތެވެ. މުޅި ދުނިޔެ ފުރަބަންދުވެ، ހުރިހާ ގައުމެއްގެ ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތައް ބަންދުވެ، ގައުމުތައް ލޮކްޑައުންވި ވަގުތެވެ. ދަތުރުފަތުރު މުޅިން ހުއްޓި ހުރިހާ ފްލައިޓެއް، ބަނޑު ބިންމަތީގައި ޖައްސައިގެން ތިބުން ނޫން އެހެން ގޮތެއް ނެތް ވަގުތެވެ. މި ވަގުތު ވެގެން ދިޔައީ ފިރާގުގެ ދަތުރުގައި ކުރިމަތިލާން ޖެހުނު އެންމެ އުދަނގޫ ވަގުތަށެވެ. ދަތުރު ކުރާނެ މީހަކު ނެތެވެ. ދަތުރު ކުރެވޭކަށް ނެތެވެ. ނަމަވެސް އޭނާގެ ކުންފުންޏަކީ ސީދާ ދަތުރުފަތުރަށް ޚާއްސަ ކުންޏެކެވެ. އޭނާގެ ކުރިމަތީގައި މާގިނަ ޗޮއިސްއެއް ނެތެވެ.

"އެ ވަގުތު އަޅުގަނޑުމެންނަށް އިޚްތިޔާރު ކުރަން އޮތީ ދެގޮތެއް. އެއީ ޖެހިލުންވެ މަޑުން ތިބުން ނުވަތަ ކުރިއަށް ދިއުން. އަޅުގަނޑުމެން ނިންމީ ހިިތްވަރާއެކު ކުރިއަށްދާން" އެންމެ އުދަނގޫ ވަގުތު ނިންމި ގޮތް ފިރާގު ވިދާޅުވިއެވެ.

ފިރާގު ވިދާޅުވި ގޮތުގައި ދުނިޔެއަށް ކޮވިޑް އައި ވަގުތަކީ، އޭސް ޓްރެވަލްސްއާއެކު އޭނާއަށް ކުރައްވަން ޖެހިވަޑައިގެންނެވި އާދަޔާ ޚިލާފު ކެތްތެރިކަމުގެ ޓެސްޓެއްގައި އިށީންނަވަން ޖެހިވަޑައިގެންނެވި ވަގުތެކެވެ.

"އެއީ ވަރަށް ޚާއްޞަ ކެތްތެރިކަމުގެ ޓެސްޓެއް. އެކަމުން އަޅުގަނޑަށް ދަސްވެގެން ދިޔައީ ސިކުނޑިއާއި ހިތް، ދެބައި ބޭނުން ކޮށްގެން ލީޑް ކުރާއިރު ބަދަލު ތަކަށް ހޭނުމުގެ މުހިންމުކަން" ފިރާގު ވިދާޅުވިއެވެ.

އެ ދަތި ދުވަސްވަރުގައިވެސް ކުންފުނިން މުވައްޒަފުންގެ ވަޒީފާ ރައްކާތެރި ކުރުމަށް ފިރާގު އިސްކަން ދެއްވިއެވެ. ވަޒީފާތަކުން ކަނޑައި މުވައްޒަފުން ގެއަށް ފޮނުވާލުމުގެ ވިސްނުމެއް އަމުދުން ނުގެންގުޅުއްވައެވެ. އަދި ޞިއްޙަތާއި ރައްކާތެރިކަމަށް އިސްކަންދީގެން މި ސިނާޢަތް އަލުން ފެށުމަށްވެސް އެހީތެރިވެ ދެއްވިއެވެ.

ކުންފުނީގެ ކާމިޔާބީގެ ވާހަކަ ދައްކާއިރު، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) އިސްނެގުން ތަކަކީވެސް ކުންފުނީގެ ދެމެހެއްޓެނިވި ކާމިޔާބީގެ މުހިންމު ބައެކެވެ. ކުންފުނިން ވަނީ ތަޢުލީމީ ޕްރޮގްރާމްތަކަށާއި، ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތް ތަކަށާއި، އަދި ޞިއްޙީ ދާއިރާގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ކެމްޕޭން ތަކަށް އިންވެސްޓް ކޮށްފައެވެ. އެއީ ވިޔަފާރިވެރިން ކޮންމެހެން ކުރައްވަން ޖެހޭ ކަމެއްކަން ފިރާގު ހަނދާނުގައި އަބަދުވެސް ބަހައްޓަވަމެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެން ޚިދުމަތްދޭ މުޖުތަމަޢުތަކަށް އެއްޗެއް އަނބުރާ ދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށެވެ،" ފިރާޤު ވިދާޅުވިއެވެ.

އޭސް ޓްރެވަލްސްއާއެކު ފިރާގު ކުރައްވަމުން ގެންދަވާ ދަތުރުގައި، ދެން އޭނާއަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އެ ކުންފުނިން އެތައް ޢާއިލާ ތަކަކަށް ދިރިއުޅުމުގެ ވަސީލަތްތައް ހޯދައިދެވިފައި ވާތީއެވެ.

ކުންފުނީގެ ދެމެހެއްޓެނިވި ކާމިޔާބީގެ ސިއްރަކީ ތެދުވެރިކަމާއެކު ޤާއިމުވެ ތިބުމެވެ. ކުއްލިއަކަށް ޖަމްޕެއް ޖަހައި ވަގުތީ ކާމިޔާބެއް ހޯދުމުގެ ވިސްނުން އެއްއިރަކުވެސް ނެތުމެވެ.

"އަޅުގަނޑުމެން އަބަދުވެސް ވިސްނަނީ ދިގު މުއްދަތަކަށް. އަޅުގަނޑުމެން ދުވަހުން ދުވަހަށް ކުރާ ކޮންމެ ކަމަކީ އަޅުގަނޑުމެންގެ ބްރޭންޑް އިތުރަށް ވަރުގަދަ ކުރާ ކަމެެއް." ފިރާގު ވިދާޅުވިއެވެ.

ދެން އޮތީ އޭސް ޓްރެވަލްސްގެ މުޅި ޓީމުގެ ދައުރެވެ. އެއީ ވިހި އަހަރުގެ މި ކާމިޔާބީގެ މުހިންމު ބޮޅެކެވެ. މެދުނުކެނޑި އެތައް އަހަރުތަކެއް ވަންދެން އެކުންފުނީގައި އުފަލާއެކު ސާބިތުވެ ތިބި މުވައްޒަފުންވެސް އެބަތިއްބެވެ. އެކަން ފިރާގު ފާހަގަ ކުރައްވަނީ ޝުކުރުވެރި ހިތަކާއެކު، ހިތުގެ ފުންމިނުންނެވެ.

"އަޅުގަނޑުމެންގެ މުވައްޒަފުންނަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު އެސެޓް. އެމީހުންގެ ހިތްވަރާއި ޤާބިލުކަމާއި ނުލައި އަޅުގަނޑުމެން މިހިސާބަކަށް ނާދެވުނީސް." މުވައްޒަފުންގެ އަގު ވަޒަން ކުރައްވައި ފިރާގު ވިދާޅުވިއެވެ.

ވިހި އަހަރުގެ މި ދަތުރުގައި ވިޔަފާރީގައި ހޯދުނު ކާމިޔާބީއަށްވުރެ، ފިރާޤު އެންމެ ފަޚުރުވެރި ވަނީ ކުންފުނިން ބިނާ ކޮށްފައިވާ ގުޅުން ތަކަށެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުން، ޕާޓްނަރުން، އަދި މުވައްޒަފުންނާއެކު އަޅުގަނޑުމެން ބިނާކޮށްފައިވާ ގުޅުން ތަކަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު ކާމިޔާބީއެއް." ފިރާގު ވިދާޅުވިއެވެ.

މި ދަތުރުގެ ކުރިމަގަށް ވިސްނާއިރު، ފިރާގު ގަބޫލުފުޅު ކުރައްވަނީ، ޓެކްނޮލޮޖީ އާއި ޕަރސަނަލައިޒް ކުރެވިފައިވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބެލެންސް ކުރުމަކީ ކުންފުނީގެ ކުރިމަގުގެ ކާމިޔާބީގެ ތަޅުދަނޑި ކަމަށެވެ.

"ޓެކްނޮލޮޖީ މުހިންމު. އެހެން ނަމަވެސް އިންސާނީ ޓަޗް ކޮންމެހެން ބޭނުންވޭ. އަޅުގަނޑުމެން އަބަދުވެސް ހަނދާން ކުރަން ޖެހޭނީ އަޅުގަނޑުމެން ޚިދުމަތް ދެނީ މީހުންނަށްކަން." ފިރާގު ވިދާޅުވިއެވެ.

ކުންފުނީގެ ކާމިޔާބީގެ މި ދަތުރުގައި ޓެކްނޮލޮޖީއަށް އައި ބަދަލުތައްވެސް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. ފިރާޤު ފާހަގަ ކުރެއްވި ގޮތުގައި ކުންފުނި ފެށުނުއިރު ޓިކެޓް ވިއްކުމުގެ މަސައްކަތް ކުރަމުން ދިޔައީ ގަލަމާއި ކަރުދާހުންނެވެ. މިއަދު، ޑިޖިޓަލް ޓްރާންސްފޮމޭޝަން ވަނީ ކުންފުނީގެ ހިންގުން އެއްކޮށް ބަދަލު ކޮށްލާފައެވެ.

"އަޅުގަނޑުމެން ޓެކްނޮލޮޖީއަށް އަންނަ ކޮންމެ ބަދަލަކާއެކު ތަރައްޤީވަމުން އައިސްފައިވާނެ. އެހެންނަމަވެސް އަޅުގަނޑުމެން ދަސްކުރިން އަޅުގަނޑުމެންގެ ޚިދުމަތުގެ އިންސާނީ ސިފަ ދޫކޮށްނުލުމަށް." ފިރާގު ވިދާޅުވިއެވެ.

ކުރިއަށް އޮތް 20 އަހަރަށް ބަލާއިރު، ފިރާޤު އުއްމީދު ކުރައްވަނީ ކުންފުނި އިތުރަށް ފުޅާވެ، އިންޓަރނޭޝަނަލް މާކެޓް ތަކަށް ވަދެ، އަދި ދަތުރުފަތުރުގެ ސިނާޢަތުގައި އިންޤިލާބީ ބަދަލުތައް ގެނެވޭނެ ކަމަށެވެ. އޭނާގެ ދުރުމިން ބަލާއިރު އެކަން ހާސިލުވާ މަންޒަރު ސާފުކޮށް، ކުލަކޮށް ފެނެއެވެ.

"އަޅުގަނޑުމެން ދަތުރު ކޮށްފައިވާ މަގު ދައްކުވައި ދެނީ އަޅުގަނޑުމެންގެ ކުރިމަގުގެ ފުރުޞަތުތައް. އަޅުގަނޑުމެން ފަށާނީ އަލުން އާ ހިތްވަރަކާއެކު، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަދި ވިޔަފާރީގެ ޕާޓްނަރުންނަށް ޚިދުމަތް ކުރުމުގެ ޢަޒުމުގައި. އަޅުގަނޑުމެންގެ ދަތުރުގެ ކޮންމެ ހިސާބެއްގައިވެސް، އަޅުގަނޑުމެންނަށް އިތުބާރުކޮށް، އަޅުގަނޑުމެންގެ ޚިދުމަތްތައް ބޭނުން ކޮށްފައިވާ ކޮންމެ މީހަކަށް ޝުކުރު އަދާކުރަން.  އަޅުގަނޑުމެންގެ ކާމިޔާބީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ އެބައެއް." ފިރާގު ވިދާޅުވިއެވެ.

ކުންފުނީގެ ކުރިމަގު ރޭވުމުގައި، ފިރާޤު ވަނީ ސަސްޓެއިނަބަލް ޓުއަރިޒަމް އަދި ރެސްޕޮންސިބަލް ޓްރެވަލް ޕްރެކްޓިސް ތަކަށް އިސްކަން ދެއްވުމަށް ނިންމަވާފައެވެ.

"އަޅުގަނޑުމެން ދަތުރުފަތުރުގެ ވިޔަފާރިއަކަށްވުރެ ބޮޑަށް ތަޖުރިބާތައް ވިއްކާ ކުންފުންޏަކަށް ވުމަށް މަސައްކަތް ކުރަމުން ދަނީ. އަޅުގަނޑުމެން ބޭނުން ވަނީ މީހުންގެ ދަތުރުފަތުރުގެ ތަޖުރިބާތައް ޕޮޒިޓިވްކޮށް ބަދަލު ކުރުމަށް. އަދި އެކަން ކުރާއިރު އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރި ކުރުމަށް." ފިރާގު ވިދާޅުވިއެވެ.

20 އަހަރުގެ ޖުބިލީ ފާހަގަ ކުރުމުގެ ގޮތުން، ކުންފުނިން ވަނީ ބްރޭންޑް އައިޑެންޓިޓީ އަލުން އައުކޮށް، އައު ލޯގޯއަކާއި ސްލޯގަނެއް ތަޢާރަފު ކޮށްފައެވެ. މި އައު ބްރޭންޑިންގ އިން ތަމްސީލު ކޮށްދެނީ ކުންފުނީގެ ގަދަރުވެރި މާޒީ އާއި، އިނޮވޭޓިވް މުސްތަޤުބަލާ ދެމެދު ހުރި ގުުޅުމެވެ. ކުންފުނީގެ ކާމިޔާބު މާޒީގެ ތެރެއިން ފިރާގަށް ފެނިވަޑައިގަންނަވަނީ މުސްތަގުބަލުގެ މާ ފޮނި އުފާވެރި ކާމިޔާބު ތަކެކެވެ. ކަސްޓަމަރުންނަށް މާ ފުރިހަމަ ޚިދުމަތްތަކެއް ދެވޭނެ ތަނެވެ. ކުންފުނީގެ މުސްތަގްބަލަށް ގިނަ ޕްލޭންތަކެއް ފިރާގު ވަނީ ކުރައްސަވާފައެވެ.

"އަޅުގަނޑުމެންގެ 20 އަހަރުގެ ޖުބިލީއަކީ ހަމައެކަނި މާޒީއަށް ނަޒަރު ހިންގާލުމުގެ ވަގުތެއް ނޫން. އެއީ އަޅުގަނޑުމެންގެ ކުރިމަގު އަލުން ތަސައްވުރުކޮށް، ދަތުރުފަތުރުގެ ސިނާޢަތުގައި އަޅުގަނޑުމެންގެ ލީޑަރޝިޕް ޕޮޒިޝަން އިތުރަށް ވަރުގަދަ ކުރުމަށް އަޅުގަނޑުމެން ކުރާނެ ކަންތައްތަކުގެ މައްޗަށް ވިސްނާލުމުގެ ވަގުތު. އަޅުގަނޑުމެން މިހާރު ބަލަނީ ސަރަޙައްދީ މާކެޓް ތަކަށް ފުޅާވުމަށާއި، އަޅުގަނޑުމެންގެ ޚިދުމަތް ތަކުގެ ޕޯޓްފޯލިއޯ އިތުރަށް ފުޅާ ކުރުމަށް. ދަތުރުފަތުރުގެ ސިނާޢަތް ބަދަލުވަމުން އަންނަ ގޮތާއެކު، އަޅުގަޅުގަނޑުމެންވެސް ތަރައްޤީ ވަމުން ދާންޖެހޭނެ." ފިރާގު ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ދާއިރާގައި އޭސް ޓްރެވަލްސް ހޯދި ކާމިޔާބު ތަކުގެ ސިއްރަކީ އަބަދުވެސް އެ ކުންފުނިން ހިފަހައްޓަމުން އައި އަސާސްތަކުގެ މަތީގައި ސާބިތުކަމާއެކު ދެމި ތިބުމެވެ. ލިބެމުންދާ ފިލާވަޅު ތަކުން އިބުރަތް ޙާސިލްކޮށް މާޒީގެ ހަނދާން ތަކުގެ ތެރޭގައި ތިބެ މުސްތަގުބަލު ރާވަމުން ދިއުމެވެ.

"އަޅުގަނޑުމެންގެ ދަތުރުން ދަސްވާ އެންމެ މުހިންމު ފިލާވަޅަކީ ތެދުވެރިވުމާއި، ކަސްޓަމަރުންނަށް އަޅާލުމާއި، އަދި ޓީމު ބާރުވެރި ކުރުވުން. އޭރުން ކާމިޔާބީ ހާސިލު ވާނެ." ފިރާގު ވިދާޅުވިއެވެ.

ވިހި އަހަރުގެ ކާމިޔާބު މިހާރު ފާހަގަ ކުރައްވައި މުސްތަގުބަލަށް ޕްލޭންތައް ހަދައި އަމާޒު ހިފިޔަސް، މި މަސައްކަތް ފެށި ހިސާބު އެއީ ފިރާގުގެ ވިސްނުންފުޅު ދުވަހަކުވެސް ކެހިގެނެއް ނުދާނެކަން އޭނާގެ ވާހަކައިން އެނގެއެވެ. އެއީވެސް މި ދަތުރުގެ ތަފާތު ވާހަކައެކެވެ.

"އަޅުގަނޑުމެން ކުރިއަށް ދާއިރު، އަޅުގަނޑުމެން ހަނދާން ކުރާނީ އަޅުގަނޑުމެން ފެށި ހިސާބު. އަދި އަޅުގަނޑުމެންނަށް ކާމިޔާބީ ހޯދުނު ގޮތް. އަޅުގަނޑުމެން ކުރިއަށް ދާނީ ނޮލެޖާއި، އިނޮވޭޝަނާއި، އަދި ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތް ތަކެއް ފޯރުކޮށްދިނުމުގެ ޢަޒުމާއެކު." ފިރާގު ވިދާޅުވިއެވެ.

ފިރާގު ގަބޫލު ކުރައްވާ ގޮތުގައި ކުރިމަގުގައި ޑިޖިޓަލައިޒޭޝަން، ދެމެހެއްޓެނިވިކަން، އަދި އަމިއްލަ ތަޖުރިބާ ތަކަށް ޚާއްސަ ކޮށްގެން ދެވޭ ޚިދުމަތްތަކަކީ އިންޑަސްޓްރީއަށް އިތުރަށް ބަދަލުގެންނާނެ ކަންކަމެވެ. ފިރާގު ވިދާޅުވި ގޮތުގައި އޭސް ޓްރެވަލްސް ތަރައްޤީ ވެގެން ދާނީ ދިވެހިރާއްޖެ އާއި ދުނިޔެއާއި ދެމެދު ބްރިޖެއްގެ ގޮތުގައި މަސައްކަތްކުރާ ސަރަޙައްދީ ބްރޭންޑަކަށެވެ.

"ކާމިޔާބީއަކީ ހަމައެކަނި އަމިއްލައަށް ހޯދޭ އެއްޗެއް ނޫން. އެއީ މީހުންގެ ކިބައިން އަންނަ އެއްޗެއް. އަޅުގަނޑުމެންގެ މުވައްޒަފުން، އަޅުގަނޑުމެންގެ ޕާޓްނަރުން، އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ކިބައިން،" ފިރާގު ވިދާޅުވިއެވެ.

އޭސް ޓްރެވަލްސްގެ ވިހި އަހަރުގެ ކާމިޔާބީތަކުގެ ހުރިހާ ވާހަކައެއް ލިޔުމުގެ ބަދަލުގައި ކުރު ޖުމްލައަކުން ނިންމާލަމާ ހެއްޔެވެ. ފިރާގުގެ މޭސްތިރި ކަމުގައި ބާރު ސްޕީޑުގައި ގޮސް އޭސް ޓްރެވަލްސް ވަނީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ޙާސިލްކޮށް ގިނަ އެވޯޑްތައްވެސް ހޯދާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *