އިންޑިއާ ކަނޑު ބޮޑުވަމުން އަންނަ ބައިނަލްއަގުވާމީ ސިޔާސީ ހޫނުސަރަހައްދަކަށް ވަމުން އަންނަ ދަނޑިވަޅެއްގައި، ރާއްޖެ ވަނީ ދުނިޔޭގެ އެންމެ ސްޓްރެޓެޖިކް ކަނޑު ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދުގެ މެދުތެރޭގަ އެވެ. އިންޑިއާ، ޗައިނާ، އެމެރިކާ އަދި ގަލްފް ގައުމުތަކުގެ ފަދަ ބޮޑެތި ބާރުތަކުން ނުފޫޒު ހޯދަން މަސައްކަތްކުރަމުންދާއިރު، އާބާދީ މަދު މި ކުޑަ ޖަޒީރާ ގައުމަށް އަންނަން އޮތް ދުވަސްތަކުގައި އިގްތިސޯދީ ކުރިއެރުންތަކެއް ލިބިދާނެ އެވެ. އެއީ އިންޑިއާ ކަނޑުގެ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން ގައުމު ހިކުމަތްތެރިކަމާއެކު ކުރިއަށް ގެންދެވިއްޖެނަމަ އެވެ.
ގަރުނުތަކެއް ވަންދެން، ރާއްޖޭގެ މަގާމު، އިރުމަތިން ހުޅަނގަށް ދަތުރުކުރާ މައިގަނޑު ވިޔަފާރި މަގުތަކުގެ މެދުގައި އޮތުމުން ނެވިންނަށާއި ވިޔަފާރިވެރިންނަށް ވަނީ ގިނަގުނަ ފައިދާތަކެއް ލިބިދީފައެވެ. މިހާރު، އެކަން އިންވެސްޓަރުންނަށާއި ސިޔާސަތު އެކުލަވާލާ ފަރާތްތަކުގެ ފައިދާއަކަށް ބަދަލުކުރެވިދާނެއެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އިންޑިއާ ކަނޑުގައި ހިނގަމުންދާ ބައިނަލްއަގުވާމީ ވާދަވެރިކަމުން، ބޭރުގެ އިންވެސްޓްމަންޓްތައް، ކަނޑުމަގުން ކުރެވޭ ވިޔަފާރި، އަދި ސްޓްރެޓެޖިކް ބައިވެރިވުންތަކުގެ ޒަރިއްޔާއިން ރާއްޖެއަށް އާ ދޮރުތަކެއް ހުޅުވިގެން ހިނގައިދާނެއެވެ.
"އިންޑިއާ ކަނޑު ކޮންޓްރޯލްކުރާ ފަރާތަކަށް ދުނިޔޭގެ ވިޔަފާރީގެ ތަޅުދަނޑިއެއް ލިބިގެންދާނެ. ދިވެހިރާއްޖެއަށް އެކަން މާނަކުރެވެނީ ރާއްޖޭގެ މަގާމަކީ އެންމެ މުހިންމު އިގްތިސޯދީ ވަސީލަތަށް ވެގެންދިއުމުން" މާލޭގައި މަސައްކަތްކުރާ އިގްތިސޯދީ އަދި ހާރިޖީ ދާއިރާގެ ތަޖުރިބާކާރެއް ވިދާޅުވ ިއެވެ.
ބޭރުގެ އިންވެސްޓްމަންޓަކީ ސީދާ ލިބޭނެ ފައިދާތަކުގެ ތެރެއިން އެއް ފައިދާއެވެ. ސަރަހައްދުގައި ނުފޫޒު ހޯދަން މަސައްކަތްކުރާ ވާދަވެރި ބާރުތަކުން އެފަރާތްތަކުގެ ހާޒިރީ ކަށަވަރުކުރުމަށް ޒަމާނީ ބަނދަރުތައް، ވައިގެބަނދަރުތައް، އަދި ޑިޖިޓަލް ނެޓްވޯކްތައް ފަދަ ވަސީލަތްތަކަށް ފައިސާ އިންވެސްޓްކުރުމަކީ އެކަށީގެންވާ ކަމެކެވެ. މިއިން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އިގްތިސޯދު ވަރުގަދަވެ، އަދި ދުނިޔޭގެ ވިޔަފާރި މަގުތަކާއެކު ރާއްޖޭގެ ގުޅުން ފުޅާވެގެންދާނެކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
ކަނޑުމަގުން ކުރެވޭ ވިޔަފާރިއަކީ އަނެއް ފުރުސަތު ކަމަށާއި ރާއްޖެއަށް ބަންކަރިން އަދި ލޮޖިސްޓިކްސް ހަބެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ކުރެވޭނެކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ. އިންޑިއާ ކަނޑުގެ ބިޒީ ކަނޑުމަގުތަކުން ދަތުރުކުރާ ވިޔަފާރި އަދި ކަނޑުގެ އުޅަނދުފަހަރަށް ތެޔޮ އެޅުމާއި، މަރާމާތުކުރުމާއި، އަދި ޓްރާންސްޝިޕްމަންޓް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. ޓްރާންސިޓް ފީތަކާއި، ބަނދަރުކުރުމުގެ ފީތަކާއި، އަދި ބަނދަރު ހިދުމަތްތަކުން ލިބޭ އާމްދަނީއަކީ ގައުމީ އާމްދަނީގެ އާ މަގަކަށް ވެ، ފަތުރުވެރިކަމަަށް އޮންނަ ބަރޯސާވުން ކުޑަކުރެވިދާނެ ކަންތައްތަކެއްގެ ގޮތުގައި ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.
އިންޑިއާ ކަނޑުގައި ވާދަވެރިކަން އިތުރުވަމުންދާއިރު، ރާއްޖެފަދަ ކުދި ގައުމުތަކަށް އާންމުކޮށް މާލީ އަދި ޑިޕްލޮމެޓިކް އެހީތެރިކަން ލިބިގެންދާނެކަން ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.
"ވަކި ބައިވެރިންނާއެކު އެއްސަފަށް ތިބުމުން، ވަކިފަރާތަކަށް ނުޖެހި ތިބުމުން، ހިލޭއެހީ، ލުއި ލޯނު، އަދި ތަރައްގީއަށް އެހީތެރިކަން ލިބިގެންދާނެ. ބަދަލުވަމުންދާ ގުޅުންތަކުގެ ދުނިޔޭގައި، ކުދި ގައުމުތަކަށް ކުރިއެރުން ލިބެނީ ވަކި ފަރާތަކަށް ޖެހުމުގެ ބަދަލުގައި ގުޅުންތައް ފަރުވާތެރިކަމާއެކު ބެލެންސްކޮށްގެން" ރާއްޖޭގެ ހާރުޖީ ދާއިރާގެ އަދި އިންޑޯ ޕެސިފިކުގެ ޑިޕްލޮމެސީއަށް ފަރިތަ ތަޖުރިބާކާރެއް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސޯދުގެ މައިގަނޑު ތަނބު ކަމުގައިވާ ފަތުރުވެރިކަމަށްވެސް ބަދަލުތަކެއް އަތުވެދާނެ ކަމަށާއި ސަރަހައްދީ ސަމާލުކަން އިތުރުވުމުން އަދި ސަލާމަތީ ކަންކަން ކަށަވަރުކުރެވެން ހުރުމުން އިތުރު މަޝްހޫރު ފަތުރުވެރިން، އިންވެސްޓަރުން، އަދި ބައިނަލްއަގުވާމީ ބައްދަލުވުންތައް ރާއްޖެއަށް އަންނަން މަގުފަހިވެގެންދާނެކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ. ވިޔަފާރި އަދި ޑިޕްލޮމެޓިކް ފަތުރުވެރިކަމުން މުނިފޫހިފިލުވުމުގެ ދާއިރާއަށް އިތުރު ފުރިހަމަކަމެއް ގެނެސް، އިގްތިސޯދީ ބިންގާ ފުޅާކޮށްދޭނެކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
އިންޑިއާ ކަނޑުގެ ސްޓްރެޓެޖިކް މުހިންމުކަން އިތުރުވުމުން ޓެކްނޮލޮޖީ އަދި ދިފާއީ އެއްބާރުލުންވެސް އިތުރުވާނެކަމަށް ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ. ސާވޭލަންސް ސިސްޓަމްތަކާއި، ކަނޑު މޮނިޓާކުރުމާއި، އަދި ޑިޖިޓަލް މުވާސަލާތަށް ކުރެވޭ އިންވެސްޓްމަންޓްތަކުން ދިވެހި ޒުވާނުންނަށް ސައިބާ ސެކިއުރިޓީ، ޑޭޓާ އެނަލިސިސް، އަދި ކަނޑާބެހޭ ދިރާސާތަކުގެ ދާއިރާއިން އާ ސެކްޓާތަކެއް ހުޅުވިގެންދާނެކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.
"ރާއްޖެއަށް އިގްތިސޯދީ ދާއިރާގައި ސަރަޙައްދީ މެދުމިނެއްގެ ލީޑަރުގެ މަގާމު އަދާކުރެވިދާނެ. ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުން އުފައްދާ އިއާދަކުރަނިވި ހަކަތައާއި، ކަނޑުގެ ވަސީލަތްތަކާ ގުޅޭ އާ އީޖާދުތައް ކުރިއަރުވައިގެން. ކުރިން މި ބުނި ކަންތައްތައް ހާސިލުކޮށްގެން" ތަޖުރިބާކާރު ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ވުޖޫދަށް ނުރައްކާވެފައިވާ ދަނޑިވަޅެއްގައި، ކަނޑުގެ ވެށި ރައްކާތެރިކުރުމަށް އެހީތެރިވާން ޝައުގުވެރިވާ ބާރުވެރި ގައުމުތަކުން ލިބޭ ފަންޑިން އަކީ ގައުމުގެ ކެރިފޯރުންތެރިކަމާއި އިގްތިސޯދު ވަރުގަދަކުރުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
ނަމަވެސް، މި ފުރުސަތުތަކާއެކު ނުރައްކާތަކެއްވެސް އެބަހުއްޓެވެ. އެއް ބާރަކަށް މާބޮޑަށް ބަރޯސާވުމުގެ ސަބަބުން ސިޔާސީ ޕްރެޝަރަށް އަމިއްލަ މިނިވަންކަން ގެއްލުމަށް މަގުފަހިވެދާނެ އެވެ. ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ރަނގަޅު ގަވަނެންސް ދެމެހެއްޓުމަކީ ބޭރުގެ ފައިސާއިން އިގްތިސޯދު ވަރުގަދަކުރުމާއެކު، މިނިވަންކަމަށް އުނިކަމެއް ނާންނާނެކަން ކަށަވަރުކުރުމަށް މުހިންމު ކަމެކެވެ.
ރާއްޖެއިން ރަނގަޅަށް ކުޅެ ޑިޕްލޮމަސީގެ ބެލެންސް ހިފަހައްޓައި، ވަކި ފަރާތަކަށް ނުޖެހި އަދި ވިސްނުންތެރިކަމާއެކު ޕާޓްނާޝިޕްތައް ބިނާކޮށްފިނަމަ ރާއްޖެއަށް ވިޔަފާރީގެ، ޑިޕްލޮމަސީގެ، އަދި އީޖާދުކުރުމުގެ ސަރަޙައްދީ މަރުކަޒަކަށް ބަދަލުވުމުގެ ފުރުސަތު ފުޅާކޮށް އެބައޮތްކަމަށް ހާރިޖީ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރައްވައެވެ.





