ރާއްޖެ އިޝްތިހާރު ކުރަން އިތުރު ފައިސާ ހޯދަންޖެހޭ، ވާދަވެރިން ދަނީ މާކެޓިން ކެމްޕޭންތައް ދެގުނަ ކުރަމުން: ފިރާގު

ރާއްޖެ އިޝްތިހާރު ކުރަން އިތުރު ފައިސާ ހޯދަންޖެހޭ، ވާދަވެރިން ދަނީ މާކެޓިން ކެމްޕޭންތައް ދެގުނަ ކުރަމުން: ފިރާގު

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް އިތުރު ފަންޑިން ބޭނުންވާ ކަމަށް ރާއްޖޭގެ އެންމެ ބޮޑު ޓްރެވަލް އެޖެންސީތަކުގެ ތެރޭގައި ހިމެނޭ، އިނާރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިޔޫޓީއެމް) އަށް ވަޑައިގަތުމަށްފަހު، ލަންޑަނުގައި ހުންނަވައި، ފިރާގު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަތުރުވެރިކަމުގެ ސިޔާސަތުތައް ފަތުރުވެރިންނަށް ފަހި ގޮތަކަށް އިތުރަށް ރަނގަޅު ކުރުމަށް އިތުރު އަހައްމިއްޔަތު ކަމެއް ދޭންޖެހޭ ކަމަށެވެ. ފަތުރުވެރިން އަބަދުވެސް ހޯދަނީ މެހެމާންދާރީ ރަނގަޅު، އަދި އެންމެ ފުރިހަމަ ތަޖުރިބާ ލިބޭނެ މަންޒިލު ތަކެއް ކަމަށް ފިރާގު ވިދާޅުވި އެވެ. މިވަގުތު، ރާއްޖެ އޮތީ ހަތަރު އަަނގޮޅިއެއްގައި ކަމާމެދު ވިސްނާލަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްތައް ބަދަލުވަމުން އަންނައިރު، އާ މަންޒިލުތައް ތައާރަފު ވަމުންދާ ކަމަށް ފިރާގު ވިދާޅުވި އެވެ. އިންޑިއާ އަދި ޗައިނާ އަލުން ހުޅުވި، ދިގު މުއްދަތަކަށްފަހު އެދެ ގައުމުގެ ދެމެދުގައި ފަތުރުވެރިންގެ ދަތުރުފަތުރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށްވެސް ފިރާގު ވިދާޅުވި އެވެ. އެއާއެކު، އާންމު ޔޫރަޕިއަން މާކެޓް ތަކުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިގްތިސޯދީ ގޮންޖެހުންތަކާ ކުރިމަތިލަމުން ދާކަން ރާއްޖެއިން ދަންނަންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ސަބަބުން ޔޫރަޕުން ރާއްޖެއަށާއި ސްރީލަންކާއަށް ދަތުރުކުރާ ވައިގެ މަގުތަކުގެ ޓިކެޓް އަގުތައްވެސް މައްޗަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ ގެސްޓް ހައުސްތަކާއި ރިސޯޓު ތަކުގެ އެނދުގެ އަދަދު އުންމީދު ކުރެވުނު ފަދައިން އިތުރު ވަމުންދާ ކަމަށާއި މިކަމުން ފާހަގަ ކޮށްދެނީ ރަނގަޅު އޮކިއުޕަންސީ ލެވެލްއެއް ހިފެހެއްޓުމަށް އިތުރު ފަތުރުވެރިން ގެނައުމުން މުހިންމު ކަމަށެވެ.

"ގައުމެއްގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ މަންޒިލު ޕްރޮމޯޓް ކުރުމަށް އިތުރު ފައިސާ ހޯދަންޖެހޭ. ފާއިތުވި އަހަރު ތަކުގައި، މާލީ ދަތިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޕްރޮމޯޝަނަލް މަސައްކަތްތައް ދަށްވެފައި ވާއިރު، ސަރަހައްދީ ވާދަވެރިން އެމީހުންގެ މާކެޓިން ކެމްޕޭންތައް ދެގުނަ ކުރަމުންދޭ. މިހާރު ލަންޑަން ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި ބައިވެރިވާ އަޅުގަނޑުމެންނަށް މިދެންނެވި ކަންތައް ސާފުކޮށް ފެންނާނެ. ފެންނަ މިންވަރުގެ ތަފާތު ބޮޑު. ނަމަވެސް، އަމަލުކުރަން މާ ލަސްވެފައެއް ނެތް. ރަނގަޅު ނަޒަރިއްޔާއަކާއި އެކަށީގެންވާ އިންވެސްޓްމަންޓާއެކު، އަޅުގަނޑުމެންނަށް އަލުންވެސް ރާއްޖެ ކޮންމެ ދަތުރުފަތުރުގެ މަޖައްލާއެއްގެ މޫނުމަތީ ސަފުހާތަކަށާއި މައިގަނޑު ފަތުރުވެރިކަމުގެ މައުރަޒުތަކަށް ގެނެވިދާނެ. ގާބިލުކަން އެބަހުރި ހަމައެކަނި ބޭނުންވަނީ ވަރުގަދަ، ސްޓްރެޖެޓީއެއް" ފިރާގު ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި މިހާރު ކުރިއަށްދާ ޑަބްލިޔޫ ޓީ އެމް ފެއާރގެ ތެރެއިން: ފޮޓޯ: ފިރާގު

ފަތުރުވެރިކަމުގެ ދާއިރާއަށް އާ ފުރުސަތުތައް ހުޅުވުމަށްޓަކައި، އިންޓަނޭޝަނަލް މާކެޓްތަކުގައި ރާއްޖޭގެ ހާއްސަކަން އިތުރަށް ފާހަގަކުރަން ޖެހޭ ކަމަށާއި އެގޮތުން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކާއި، ސަގާފީ ތަޖުރިބާތަކާއި، ރާއްޖޭގެ ހިތްގައިމު މެހެމާންދާރީ ހިމެނޭ ކަމަށް ފިރާގު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ސިޔާސަތުތައް ފަތުރުވެރިންނަށް ފަހި ކުރުމަކީ ހަމައެކަނި ރާއްޖޭގެ އިގްތިސޯދަށް ފައިދާވާނެ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތަޖުރިބާ ފުރިހަމަވެ، އެމީހުން އަނބުރާ އައުމުގެ ފުރުސަތު އިތުރު ވެގެންދާނެ ކަމަށް ފިރާގު ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ރީތިނަން ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ފެތުރިގެން ދާނެކަމަށް ފިރާގު ވިދާޅުވި އެވެ.

މިވަގުތަކީ އެންމެން ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ވަގުތު ކަމަށާއި ސަރުކާރާއި، އަމިއްލަ ވިޔަފާރިތަކާއި، އަދި ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްގެން މިދާއިރާގައި އަލުން ކުރިއެރުން ހޯދިދާނެ ކަމަށް ފިރާގު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *