ކުރީގެ ސަރުކާރުން ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ހިއްކަން ފެށި ގިރާވަރުފަޅާއި ގުޅީފަޅު އަދި ހުޅުމާލެ ފޭސް ތިނެެއްގެ އިތުރުން އުތުރުތިލަފަޅު ހިއްކުމުގެ ބަދަލުގައި ފުށިދިއްގަރު ފަޅަށް އިސްކަން ދީގެން މި ސަރުކާރުން އެ މަސައްކަތް ކުރަމުން ދިޔުމުގެ ސަބަބުން އެތައް ބަޔަކު ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމް ވަމުންދާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެއެވެ.
ފްލެޓުތަކާއި ގޯތި ހަވާލު ކުރުން ލަސްވާތީ މިއަދު މަޖިލީހަށް މައުރޫފު ހުށަހެޅި ގަރާރުގައި އޭނާ ވިދާޅުވީ، ގަރާރު ހުށަހެޅުއްވީ ފްލެޓުތަކާއި ގޯތިތައް ހަވާލު ކުރުން ލަސްވަމުންދާ ދިޔުމާއި މިދިޔަ ސަރުކާރުން ހިއްކަން ފެށި ފަޅުތަކުގެ މަސައްކަތް ނުނިންމައި ފުށިދިއްގަރު ފަޅު ހިއްކަމުން ދިޔުމުގެ ސަބަބުން އެތައް ބަޔަކު ބޯހިޔާވަހިކަމުން މަހުރޫމު ވަމުންދާ ދިޔުމަށް ހައްލެއް ހޯދުމަށް ގޮވާލުމުގެ ގޮތުން ކަމަށެވެ.
މައުރޫފްގެ މި ގަރާރު މަޖިލީހުން ބަލައިނުގަނެ ވަނީ ބޭރުކޮށްލާފައެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެރެއިން ގަރާރު ބަލައިގަތުމަށް އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރާއެކު އެމްޑީޕީގެ 11 މެންބަރުންނެވެ. ގަރާރު މަޖިލިސް ތަޅުމުން ބޭރުކޮށްލީ އެ ގަރާރު ބަލައިގަތުމަށް ނުފެންނަ ކަމަށް ޕީއެންސީގެ 40 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މައުރޫފު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޭން ނިންމި ފްލެޓުތަކާއި ގޯތިތައް އޭގެ ހައްގުވެެރިންނަށް ހަވާލު ކުރުން އިންތިހާއަށް ލަސްވަމުންދާ ކަމަށެވެ.
އެ ގަރާރުގައި ގޮވާލާފައި ވަނީ އެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ހޯދުމަށެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދެވި ވާހަކަތައްވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ކުރީ ސަރުކާރުން އެއްވެސް ރައްޔިތަކަށް ދީފައިވާ ފްލެޓެއް ގޯއްޗެއް އެ ދިން ތަނަކު ދެއްވާނެ ކަމަށް ރައީސް ވެވަޑައިގެންނެވި ވައުދު އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ނަމަވެސް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 4000 މީހުންގެ ތެރެއިން 585 މީހަކަށް ފްލެޓު ހަވާލު ނުކުރާނެކަން އަންގާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
އަދި ސަރުކާރާއެކު އެއްބަސްވުމެއް ހަދައި ފްލެޓު ކަނޑައަޅައި ލިޔުން ދީފައިވާ މީހުންގެ އަތުން ޝަރުއީ ކޯޓެއް މެދުވެރިކޮށް މެނުއީ ފްލެޓު އަތުނުލެވޭނެ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
އޭގެއިތުރުން ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި 13763 މީހުންގެ ތެރެއިން ފުރަތަމަ ފްލެޓު ލިބުނު މީހުން ނަގާފައި ދެން ތިބި 9763 މީހުންނަށް ފްލެޓު ދިނުމަށްޓަކައި އިންޑިއާގެ އެލްއޯސީ މެދެވެރިކޮށް ފައިސާ ހަމަޖައްސައިގެން އިންޑިއާގެ ކޭޕީއައިއެލް (އެންބީސީސީ) އާ އަޅަން ހަވާލުކުރި 6000 ފްލެޓާއި އެޕޯލޯ ކުންފުންޏާ އަޅަން ހަވާލުކުރި 1000 ފްލެޓުގެ މަސައްކަތް ކުރިއަށް ނުދާކަން އެ ގަރާރުގައި ފާހަގަ ކޮށްފައިވެ އެވެ.
މިދިޔަ ސަރުކާރުން އިއުލާނު ކުރި ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ދެވަނަ ސްކީމުގައި ފްލެޓަށް އެދި ހުށަހެޅި 21،347 މީހުންނާއި ގޯއްޗަށް އެދި ހުށަހެޅި 19،347 މީހުންގެ ނަންތަކާއެކު ގެޒެޓު ކޮށްފައިވީ ނަމަވެސް އެ ފޯމުތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން ނުދާކަން ވެސް އެ ގަރާރުގައި ފާހަގަ ކޮށްފައިވެ އެވެ.
މިކަންކަމަކީ ދިވެހި އެތައްހާސް ރައްޔިތެއްގެ ބޯހިޔާވަހިކަމުގެ ހައްގު ގެއްލިގެން ދިއުން ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.






