ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް 32،426 އެމެރިކާ ޑޮލަރު ދައްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެފައިސާ ދައްކައިފިއެވެ.
މި މައްސަލައަކީ އެފްއޭއެމްގެ އެދުމުގެ މަތިން ބީހައިވްއިން އެ އެސޯސިއޭޝަނަށް ފޯރުކޮށްދީފައިވާ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން އެފްއޭއެމްގެ ނަމުގައި ބޭންކު އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓުން ބީހައިވްއަށް ދޫކޮށްފައިވާ ޗެކް އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން އަނބުރާ ރައްދު ކޮށްފައި ވާތީ، ބީހައިވްއަށް ދައްކައި ހަލާސް ކުރަންޖެހޭ 32،426 އެމެރިކާ ޑޮލަރާއި، އެފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވާތީ ބީހައިވްއަށް ލިބެމުންދާ ގެއްލުމުގެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް އެދި ބީހައިވް އިން އެފްއޭއެމްގެ މައްޗަށް ކޮށްފައިވާ ދައުވާގެ މައްސަލައެކެވެ.
މި ދައުވާގައި 32،426 އެމެރިކާ ޑޮލަރު ދޭންޖެހޭ ކަމަށް ބުނާ ބަޔަށް އެފްއޭއެމުން އެއްބަސްވި ނަމަވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން ހުށަހަޅާފައިވާ ދެ ޕަސެންޓަށް އެފްއޭއެމުން އެއްބަސްވެފައެއް ނުވެއެވެ. އެފްއޭއެމުން ބުނެފައި ވަނީ، ފަހުން ދައްކާ ގޮތަށް ބީހައިވްއަށް ފައިސާ ދޫކޮށްފައިވީ ނަމަވެސް އެ ފައިސާ ނުދެއްކޭ ހާލަތުގައި ގެއްލުމުގެ ބަދަލު ދިނުމަށް އެއްބަސްވުމުގައި ނޯންނާނެ ކަމަށެވެ.
ދައުވާއަށް ޖަވާބުދާރީ ވަމުން އެފްއޭއެމުން ބުނެފައި ވަނީ އެ ފައިސާ ދެއްކިފައި ނުވަނީ، އެސޯސިއޭޝަން މާލީގޮތުން ދަށްވުމުގެ ސަބަބުންނާއި ބައިނަލް އަގުވާމީ ޖަމިއްޔާ ތަކުން ލިބެންޖެހޭ ފައިސާ އެ ދުވަހާ އަހަމައަށް ލިބިފައި ނުވާތީ ކަމަށެވެ. އެހެންކަމުން ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާ އަކީ އެފްއޭއެމަށް މިހާރު ދިމާވެފައިވާ ހާލަތުން އެކީ އެއްފަހަރާ ދެއްކޭނެ ފައިސާއެއް ނޫން ކަމަށް ވާތީ، އެ ދަރަނި އެއް އަހަރު ދުވަހަށް ބަހާލައިގެން ދެއްކުމަށް އަމުރު ކޮށްދިނުމަށްވެސް އެފްއޭމުން އެދުނެވެ.
އެފްއޭއެމުން އެދުނު އެ ކަންތައްތަކަށް ބީހައިވްގެ ފަރާތުން ދެކޮޅު ހަދާފައި ނުވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހިމަނާފައިވާ ދެ ޕަސެންޓަކީ މައާފު ކޮށްފައިވާ އަދަދެއް ކަމަށް ނިންމައި، ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް އެފްއޭއެމުން ދައްކަންޖެހޭ 32،426 ޑޮލަރު އެފަރާތަށް ލިބިދިނުމުގެ އެއް އަހަރު ދުވަހުގެތެރޭގައި ކޮންމެ މަހަކުވެސް އެމަހެއްގެ 10 ގެ ކުރިން އެ މަހަކަށްޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ބީހައިވްއަށް ދައްކައި ދަރަނި ހަލާސް ކުރުމަށް ސިވިލް ކޯޓުން އެފްއޭއެމްގެ މައްޗަށް ހުކުމް ކުރީ 31 އޮކްޓޫބަރު 2023 ގައެވެ. ނަމަވެސް އެ ހުކުމާ އެއްގޮތަށް އެފްއޭއެމްއިން ފައިސާ ނުދައްކާތީ އެ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ބީހައިވްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެގޮތަށް ހުށަހަޅާފައި ވަނިކޮށް، ހުކުމާ އެއްގޮތަށް އެފްއޭއެމްއިން ފައިސާ ދައްކައި ހަލާސްކޮށްފައިވާ ކަމަށްބުނެ، މުޅި ދައުވާ އަނބުރާ ގެންދިއުމަށް އެދި މިދިޔަ ބުދަ ދުވަހު ބީހައިވް އިން ކޯޓަށް ހުށަހެޅިއެވެ.
އެހެންކަމުން އެފައިސާ އެފްއޭއެމްއިން ދައްކައި ހަލާސްކޮށްފައިވާ ކަމަށް ކަނޑައަލައި ހުކުމް ތަންފީޒު ވެފައިވާކަމަށް ސިވިލް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކޮށްފައެވެ.

								
								
											



