ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދިނުމަށް އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ހިމަނައިފިއެވެ.
ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ހިމެނޭ ހިސާބު ތަކަށް ބަލާއިރު، ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް އިންޝުއަރެންސް ދިނުމަށް 1.2 މިލިއަން ރުފިޔާ ބަޖެޓްގައި ވަނީ ހިމަނައިފައެވެ. މިއީ އެފަދަ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދިނުމަށް ދައުލަތުގެ ބަޖެޓުގައި ހިމެނި ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތް ދެ އަހަރުވެސް މި އިނާޔަތް ބަޖެޓުގައި ހިމަނާނެ ކަމަށްވެސް ބުނެފައިވެއެވެ.
ދައުލަތުން މިހާރު އަރުވާ އިއްޒަތްތަކަކީ، ދައުލަތުގެ އިއްޒަތް، ދައުލަތުގެ މަތިވެރި އިއްޒަތް އަދި ދައުލަތުގެ އެންމެ މަތިވެރި އިއްޒަތެވެ.
ދައުލަތުގެ އިއްޒަތް މިހާތަނަށް 39 ބޭފުޅަކަށް އަރުވާފައިވެ އެވެ. އެހެންކަމުން އެ 39 ބޭފުޅުންނަށްވެސް ދައުލަތުގެ ފަރާތުން ހެލްތް އިންޝުއަރެންސް ދެން ލިބެމުންދާނެއެވެ.






