"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންސް ބިލު" ފާސްކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިޔާލު ތަފާތުވުން ބޮޑުވެ ބައެއް މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ހަލާލުކޮށްފި ކޮމިޓީގެ މައިކަށް ލިބުނު ގެއްލުމުގެ އަގު 24،413 ރުފިޔާއަށް އަރާކަމަށް ބުނެފި އެވެ.
ކޮމިޓީގެ އެ ބައްދަލުވުމުގައި ހަމަނުޖެހުން އުފެދުނީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކޮމިޓީގެ މައިކެއް އޮން ކުރައްވައި ވާހަކަ ދައްކަވަން ފެއްޓެވުމުން، ކޮމިޓީގައި ނެތް މެންބަރަކަށް ވާހަކަ ނުދެއްކެވޭނެ ކަމަށް ވިދާޅުވެ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް މައިކް ދައްމަވައިގަންނަވަން ފެއްޓެވިއެވެ. މައިކަށް ގެއްލުން ލިބުނީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު، މައިކްގެ ވާގަނޑުގައި ހިފަހައްޓާފައި މައިކް ދަމައިނުގަނެވޭތޯ މަސައްކަތް ކުރެއްވުމުގެ ތެރެއިންނެވެ.
މެންބަރުންގެ މެދުގައި ހިނގި އެ ހަމަނުޖެހުމުގައި މައިކަށް ގެއްލުން ލިބުނު މައްސަލަ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށްފަހު ލިބުނު ގެއްލުމުގެ އަގު ކޮމިޓީއަށް ހުށަހަޅުމަށް މަޖިލީހުގެ އިދާރާއަށް ކޮމިޓީން އެންގިއެވެ.
އެކަމާ ގުޅިގެން އިމްތިޔާޒް އަދި ސުލޫކު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އެ މައްސަލައިގައި މައިކަށް ލިބުނު ގެއްލުމުގެ އަގަކީ 24،413 ރުފިޔާ ކަމަށް ކޮމިޓީ މުގައްރިރު ފާހަގަކުރި އެވެ.






