ސަރުކާރުން އެޗްޑީސީއަށް 10 ބިލިޔަން ރުފިޔާ ދައްކަން އެބައޮތް: އެޗްޑީސީ

ސަރުކާރުން އެޗްޑީސީއަށް 10 ބިލިޔަން ރުފިޔާ ދައްކަން އެބައޮތް: އެޗްޑީސީ

އެކިއެކި މަޝްރޫއުތަކާއި ބިން ތަކުގެ ކުލި ތަކަށް ސަރުކާރުން، 10 ބިލިއަން ރުފިޔާ އަދި ވިޔަފާރި ތަކުން 1 ބިލިއަން ރުފިޔާ އެޗްޑީސީއަށް ލިބެންޖެހޭ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ ކަންތައްތަކުގެ ރެކޮމެންޑޭޝަން ތަކެއްް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެ ކުންފުންޏަށް ވަނީ ފޮނުވައިފައެވެ.

އެ ރެކޮމެންޑޭޝަނާ އެއްގޮތަށް ކުންފުނިން މަސައްކަތް ކުރޭތޯ ބެލުމަށްޓަކައި، މާލިޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޗްޑީސީގެ އިސްވެރިން ވަނީ ހާޒިރު ކޮށްފައެވެ.

ކޮމިޓީ އެ މައްސަލަ ދިރާސާކޮށް ބެލުމުގައި އެޗްޑީސީން ކޮމިޓީއާ ހިއްސާ ކޮށްފައިވާ ރިޕޯޓްގައިވާ ކަންކަން ފާހަގަ ކުރައްވައި، އެ ކޮމިޓީގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ އަހުމަދު ނާޒިމް ވިދާޅުވީ، އެޗްޑީސީ އަށް ސަރުކާރުން ދައްކަންޖެހޭ ފައިސާގެ ތެރޭގައި 4.3 ބިލިއަން ރުފިޔާ އާއި، ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން ދޫކުރި ގޯތި ތަކުގެ ބިމަށް އެޗްޑީސީއަށް ސަރުކާރުން ދޭންޖެހޭ 1.7 ބިލިއަން ރުފިޔާ އާއި ހިޔާ އަދި ވިނަރެސް ފްލެޓް ތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމުމުން އެޗްޑީސީއަށް ސަރުކާރުން ދޭންޖެހޭ 3.9 ބިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން އެޗްޑީސީގެ ކޮމާޝަލް ކަސްޓަމަރުންގެ ގޮތުގައި ތިބި 500 އަށް ވުރެ ގިނަ ކަސްޓަމަރުންގެ ފަރާތުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ޖޫރިމަނާ ނުހިމަނައި 976 މިލިއަން ރުފިޔާ އެޗްޑީސީ އަށް ލިބެންޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އަދި ވިޔަފާރިތަކާއި ސޯޝަލް ހައުސިން އިން ލިބެންޖެހޭ ކުއްޔާ އެކު މުޅި ޖުމްލަ 2.7 ބިލިއަން ރުފިޔާ ނުލިބި ވާ ކަމަށްވެސް ނާޒިމް ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، ކުންފުންނަށް ނުލިބިވާ ފައިސާ ހޯދުމަށް އެ ކުންފުނީގެ އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ. އދި އެ މަސައްކަތް ރަނގަޅު ކުރެވިއްޖެ ނަމަ ނުލިބި ހުރި ފައިސާގެ ބޮޑު ޕަސެންޓެއް ރިކަވާ ކުރުމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބޭންކުތަކާއި މަރުކަޒީ ބޭންކު އެމްއެމްއޭ ގުޅިގެން ވެސް އެޗްޑީސީން ހަރުދަނާ ފިޔަވަޅު ތަކެއް އަޅަމުން ދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *