އެމްޑީޕީގެ އެންމެ ބޮޑު ކާމިޔާބީއަކީ ވަކި ލީޑަރަކު މާ ބާރުގަދަނުވެ ޕާޓީ އަބަދުވެސް އެ ގޮތުގައި އޮތުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުމާ ގުޅިގެން ސޯލިހް "ރާއްޖެޓީވީ"އަށް ދެއްވި އިންޓަވިއުގައި ވާހަކަ ދައްކަވަމުން އިޝާރާތްކުރެއްވީ އެމްޑީޕީއާ އެންމެ ވާދަވެރި ފިކުރު ހިންގާ ޕާޓީއަށް ވާ ގޮތެވެ.
އެމްޑީޕީއާ އެންމެ ވާދަވެރި ފިކުރުގެ މީހުން ފުރަތަމަ ތިބީ ޑީއާރުޕީގަ އެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ޕީޕީއެމް އުފެއްދެވުމާ އެކު ޑީއާރުޕީ ބަލިކަށިވެގެންދިޔަ އެވެ. މިއަދު ޑީއާރުޕީ އަދި ޕީޕީއެމް ވެސް ވުޖޫދަކު ނެތެވެ. ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކޮށް ސަރުކާރު ލިބުނު ފަހުން ޕީޕީއެމް އުވާލުމަށް ނިންމުމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ އެއާ ތަފާތެވެ. އެންމެ ފުރަތަަމަ ޑރ. މުހައްމަދު މުނައްވަރު އެމްޑީޕީން ވަކިވެވަޑައިގެން ޕާޓީއެއް ހެދި އިރު ވެސް ޕާޓީން ގިނަ މެންބަރުން ނުގެންދެވުނު ކަން ފާހަގަކުރެއްވި އެވެ. އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް ވެސް އެމްޑީޕީން ވަކިވެވަޑައިގެން ޕާޓީއެއް ހަދައި ރިޔާސީ އިންތިހާބުގައި ވާދަކޮށްގެން ވެސް ކާމިޔާބެއް ނުލިބުނު ކަން ފާހަގަ ކުރެއްވި އެވެ.
އެންމެ ފަހުން އެމްޑީޕީ ދޫކުރެއްވީ އެ ޕާޓީގެ އެންމެ މަގުބޫލު އެއް ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. 2023ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދަވަން ނަޝީދު ނުކުމެވަޑައިގަތް ނަމަވެސް ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތީ އެވެ. 2008، އަދި 2013ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހުންނެވި ނަޝީދު ބަލިވެވަޑައިގަތީ ސޯލިހާ ވާދަކުރައްވަ އެވެ.
"އެއްވެސް ބޭފުޅަކަށް ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި އިރުގައި ޕާޓީ ހިފައިގެނެއް ނުދެވުނު. އެ ބޭފުޅަކު ވަޑައިގަންނަވަން ޖެހުނީ. މާކުރީއްސުރެން ފަށައިގެން. ޑރ. މުހައްމަދު މުނައްވަރު، އިބްރާހީމް އިސްމާއީލް، އަދި ދާދި ފަހުން ރައީސް ނަޝީދަށް ވެސް، އެ ފިލާވަޅު އެންމެނަށް ވެސް ލިބިގެން މި ދިޔައީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
"ޑީއާރުޕީއަށް ވަނީ އެހެނެއް ނޫން. ނުކުންނަވާ ބޭފުޅަކު ދަނީ ޕާޓީ ހިފައިގެން،" ސޯލިހް ވިދާޅުވި އެވެ.
ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިން އަނބުރާ އެމްޑީޕީއަށް އައުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވެސް ވިދާޅުވި އެވެ. މި ވަގުތު ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެ ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މާޒީގައި ހިނގި ކަންކަމަށް ހިތް ބަރު ކަމެއް ނެތް ކަމަށާއި ބަދަލު ހިފުމުގެ ރޫހެއް ދުވަހަކު ވެސް ނުގެންގުޅޭނެ ކަމަށް ވިދާޅުވި އެވެ.
ދެން އަންނަ ރިޔާސީ އިންތިހާބުގައި ނުކުންނެވުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެތޯ ސުވާލުކުރުމުން އެ ސުވާލަށް ސޯލިހް ޖަވާބެއް ނުދެއްވަ އެވެ. ސޯލިހް ވިދާޅުވީ އެ ވަގުތު އަދި ނުޖެހޭ ކަމަށާއި މި ވަގުތު ބަލަންވީ އެންމެން އެކުގައި މަސައްކަތް ކުރުމަށް ކަމަށެވެ.
ރަސްމީކޮށް އެމްޑީޕީ ރަޖިސްޓްރީވީ 26 ޖޫން 2005ގަ އެވެ. އެމްޑީޕީ ވުޖޫދުވެގެން އައި ދުވަސްވަރު މުހައްމަދު ނަޝީދަކީ ޕާޓީގެ ޗެއާޕާސަނެވެ. މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއްގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރެއްވީ ނަޝީދެވެ. އެ އިންތިހާބު ކާމިޔާބުކުރެއްވީ ވެސް ނަޝީދެވެ. އޭގެ ފަހުގައި 15 އަހަރެއްހާ ދުވަހު ޕާޓީގެ އިސް ލީޑަރަކީ އެމަނިކުފާނެވެ.
ނަޝީދު އަތުން ޕާޓީގެ ބާރުވެރިކަމާއި ނުފޫޒު ގެއްލުނީ 2018 ގެ ރިޔާސީ ޓިކެޓު ދޫކޮށްލަން ޖެހުނު ހިސާބުންނެވެ. ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އޮތުމުން އޭރު އިންތިހާބުގައި ވާދަނުކުރެވޭތީ ޓިކެޓާއި ޕާޓީގެ ބާރުވެރިކަން، އެމަނިކުފާނުގެ ގާތް އެކުވެރިޔާ ސޯލިހަށް ދޫކޮށްލެވުމުންނެވެ. އޭގެ ފަހުގައި ނަޝީދާއި ސޯލިހާ ދެމެދު ދިޔައީ ހިޔާލުތަފާތުވުންތައް ބޮޑުވަމުންނެވެ.
ނަޝީދު އެމްޑީޕީ ދޫކޮށްލީ ޕާޓީ ވުޖޫދުވި ފަހުން 18 އަހަރު ފުރެނިކޮށް 21 ޖޫން 2023ގަ އެވެ. އޭގެ ގާތްގަނޑަކަށް ދެ އަހަރު ދުވަސް ފަހުން ނަޝީދު އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަތީ އެމްޑީޕީއަށް 20 އަހަރު ފުރެން ގާތްގަނޑަކަށް ތިން ދުވަސް އޮއްވައި މިދިޔަ ހޯމަ ދުވަހުގަ އެވެ. ރާއްޖެ ހަމަ މަގަށް އެޅުވޭނީ ދެން ވެސް އެމްޑީޕީ ކަމަށް ވިދާޅުވެ "އަނބުރާ ގެއަށް އާދެވުމުގެ އިހުސާސް" ކުރެވުނު ކަމަށް ވިދާޅުވި އެވެ.