އަންނަ އަހަރު އޮންނަ ލޯކަލްކައުންސިލް އިންތިހާބުގައި މިސަރުކާރަށް ލިބޭނީ އެންމެ 20 ޕަސެންޓްކަމަށް އެމްޑީޕީއާ އަލުންގުޅުނު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސަލްޓަންޕާކުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެތެރޭގެ ތަރައްޤީއަކީ އެމްޑީޕީގެ ފަލްސަފާއެއް ކަމަށެވެ. އެމްޑީޕީއަށް އަލުން އައުމުން އަމިއްލަ ގެއަށް އައިކަމުގެ އިހުސާސް ކުރެވޭކަމަށާއި ޕާޓީއަލުން ބަދަހިކޮށް ކައުންސިލް އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރައްވާނެކަމަށް ވިދާޅުވި އެވެ.
މިރޭ ސަލްޓަން ޕާކުގައި ކުރިއަށްދާ އެމްޑީޕީގެ ހާއްސަ ޖަލްސާގައި ނަޝީދު އެމްޑީޕީއަށް އަލުން ސޮއިކުރެއްވީ، އެމަނިކުފާނު އެ ޕާޓީން ވަކިވެވަޑައިގެންނެވިތާ ދެ އަހަރާއި ދެ ދުވަސް ފަހުންނެވެ.
2023 ގެ ރިޔާސީ ޕްރައިމަރީއަށް ފަހު އެމްޑީޕީގެ ތެރޭގައި އުފެދުނު ބައިބައިވުމުގެ ތެރެއިން ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ ޖޫން 21، 2023 ގަ އެވެ. އޭގެ ފަހުން އެމަނިކުފާނު އިސްކޮށް ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް އަށް ނަޝީދު ސޮއިކުރެއްވީ ޖުލައި 13، 2023 ގަ އެވެ. މިއަދާ ހަމައަށް އެމަނިކުފާނު ހުންނެވީ ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގަ އެވެ.
މިދިޔަ ހަފްތާގައި ރައީސް ނަޝީދާއި ދަޑިމޮކްރެޓްސްގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމީ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ ބައްދަލުވުމެއްގަ އެވެ.