ދެން އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނިންމަވާފައިވާކަން ރަސްމީކޮށް މިރޭ އިއުލާންކޮށްފި އެވެ.
"މާލޭ ޓައިމްސް"އަށް މައުލޫމާތު ދިން އެމްޑީޕީގެ އިސް އޮފިޝަލަކު އަދި ރައީސް ސޯލިހާ ވެސް ގާތް ގުޅުމެއް އޮންނަ އެ ފަރާތުން ވިދާޅުވީ ރައީސް ސޯލިހުގެ ފަރާތްޕުޅުން އެ ނިންމެވުން އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ކަމަށެވެ.
ރައީސް ސޯލިހުގެ އެ ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް، ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ތާއީދު ކުރައްވައިފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ސޯލިހު ނިންމެވި އިރު، އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
އަދި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން އެބަހުންނެވި ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފަ އެވެ. އެހެން ވިދާޅުވުމަށްފަހު އެ މަނިކުފާނު ވަނީ ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވައިފަ އެވެ