ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުންނަށް އެމްޑީޕީން ހޫނު މަރުހަބާއެއް

ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުންނަށް އެމްޑީޕީން ހޫނު މަރުހަބާއެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ އެނބުރި ގުޅުމަށް ނިންމި ނިންމުމަށް އެމްޑީީޕީން މަރުހަބާ ކިޔައިފި އެވެ.

ޑިމޮކްރެޓްސްއިން އިއްޔެ ބޭއްވި އެ ޕާޓީގެ ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމުގައި އެ ޕާޓީގެ މެމްބަރުން އެމްޑީޕީ އާ ގުޅުމަށް ނިންމައި ގަރާރެއް ވަނީ ފާސްކޮށްފަ އެވެ. ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް އެ ގަރާރު ހުށަހެޅުއްވީ ވިމެން ޑިމޮކްރެޓްސްގެ ލީޑަރު ފާތިމަތު ހަމްދާ މުހައްމަދެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށް ޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީ އާ ގުޅުމަށް އިގުރާރުވަމެވެ." އެ ގަރާރުގައިވެ އެވެ.

ހަމްދާގެ ގަރާރު ފާސްކޮށްފައި ވަނީ ވޯޓު ދެއްވި 44 މެމްބަރުންގެ ތެރެއިން 35 މެމްބަރުންގެ ތާއީދާ އެކުގަ އެވެ. ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ އެސެމްބްލީގެ މެމްބަރުން މެދުގައި އެ ނިންމުމާ މެދު ފުޅާދާއިރާއެއްގައި ހިޔާލު ބަދަލުކުރުމަށް ފަހުގަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ވަނީ އެ ޕާޓީ ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމެއް މިރޭ ބާއްވާފަ އެވެ. އެ ބައްދަލުވުމަށް ފަހު އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަރުހަބާ ކިޔާފަ އެވެ.

އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންނާ އެކު ޕާޓީގެ މަސައްކަތް ބާރުވާނެ

އެމްޑީޕީގެ ބަޔާނުގައި ބުނީ އެ ޕާޓީއަކީ ގައުމަށް ޓަކައި ހަގީގީ މަސައްކަތްތަކެއް ކުރަން ބޭނުންވާ ކޮންމެ ބަޔަކަށް ވެސް ހުޅުވާލެވިފައިވާ ޕާޓީއެއް ކަމަށެވެ.

"ރައީސް ނަޝީދު އާއެކު އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންނާ އެކު މި ޕާޓީގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ އެވެ." ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ބުނި ގޮތުގައި ސަރުކާރުގެ އަމަލުތައް ފާލުން ނެއްޓި، އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ ނުރައްކަލެއްގެ ތެރޭގައި އޮތް މި ދަނޑިވަޅަކީ މުހިންމު އިސްލާހީ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ދަނޑިވަޅެއް ކަމުގަ އެވެ.

"މި ޕާޓީ އާ ގުޅޭ ކޮންމެ މެމްބަރަކީ ވެސް ގައުމުގެ ހައްގުގައި ވަކާލާތުކުރަން ފަސް ނުޖެހޭނެ މެމްބަރުންނެވެ." ބަޔާނުގައިވެ އެވެ.

އެމްޑީޕީން ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވައި ގާނޫނު އަސާސީން ޔަގީންކޮށްދޭ ހައްގުތައް ކަށަވަރުކޮށްދިނުމުގައި އެ ޕާޓީން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ބުނެފަ އެވެ.

އެ ނިންމުމާ ގުޅޭގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ "އެކްސް" ގައި ޕޯސްޓުތަކެއް ކުރައްވާފަ އެވެ.

ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީ އާ ގުޅެން ނިންމައި އެ ޕާޓީން ގަރާރެއް ފާސްކުރިއިރު، ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާ މިދިޔަ ހޯމަ ދުވަހު ބައްދަލުކުރައްވާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *