ޕްރޮސިކިއުޓާr ޖެނެރަލް އޮފީސް (ޕީޖީ އޮފީސް)ގެ ޕަބްލިކް ޕްރޮސިކިއުޓާގެ މަގާގައި ހުންނެވި ހ. ދަންވަރުގެއާގެ އަލީ ތިހްނާން ފަޒީން، ވަޒީފާއަށް ނުނިކުތުމަށް އެންގި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަލަން ޓްރައިބިއުނަލުން ނިންމައިފިއެވެ.
މި މައްސަލައަކީ، އަޚުލާގީ މިންގަނޑާ ބެހޭ ތުހުމަތު ތަކެއްގައި، ވަގުތީ ގޮތުން އޭނާ މަސައްކަތުން ދުރު ކުރުމަށް މިދިޔަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހު، ނިންމާފައި ވާތީ، ޕީޖީ އޮފީހަށް ރައްދުވާ ގޮތަށް އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތިހްނާންގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.
މި މައްސަަލައިގައި އޭނާ އެދިފައި ވަނީ ޕީޖީ އޮފީހަށް ނުކުތުން މަނާ ކުރިކަން އެންގި ލިއުމުގައި ނިންމާފައިވާ ނިންމުމަކީ އެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދުގެ ދަށުން، މުވައްޒަފުންނާމެދު ވަގުތީ ގޮތުން ފިޔަވަޅު އެޅުމަށް، އެ އޮފީހަށް ލިބިފައިވާ އިޚްތިޔާރުގެ ބޭނުން އެ ގަވާއިދުގައި ބަޔާންކުރާ އިޖްރާއަތްތަކާ ޚިލާފަށްކޮށް، ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މީގެ އިތުރުން ޕީޖީ އޮފީހުގެ ވެބްސައިޓްގައި އޭނާގެ މައްޗަށް، ފާހަގަ ކޮށްފައިވާ ފަދަ ތުހުމަތެއް، ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކުރާނަމަ، އެ ކަމަކީ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ އަދި މަސައްކަތަށް ނިކުތުން މަނާ ކުރެވޭނެ ހާލަތެއްނޫން ކަމުގައި ކަނޑައަޅައި ދިނުމަށާއި، އޮފީހަށް ނުކުތުން މަނާ ކުރިކަން އެންގި ލިއުމުގައިވާ ނިންމުން ބާތިލުކޮށް ދިނުމަށްވެސް އެދިފައިވެއެވެ.
ނަމަވެސް މި މައްސަ ބެލުމުގެ އިހުތިސާސް ޓްރައިބިއުނަލަށް ލިބިގެންނުވާ ކަމަށްބުނެ، ޕީޖީ އޮފީހުގެ ފަރާތުން އިޖުރާއީ ނުކުތާއެއް ހުށަހެޅިއެވެ.
އެ ނުކުތާއާއި ގުޅިގެން ދެފަރާތުން ހުށަހެޅި ހުށަހެޅުންތާއި ދިން ޖަވާބު ތަކުގެ މައްޗަށް ބެލުމަށްފަހު، ޓްރައިބިއުނަލުން ނިންމި ނިންމުމުގައި، މިއީ ޓްރައިބިއުނަލަށް ބަލައިގަނެ، މައްސަލައާމެދު ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށްް ކަނޑައަޅައި، މި މައްސަލަަ ބެލުމަށް ގާނޫނީ ގޮތުން ޓްރައިބިއުނަލަށް އެއްވެސް ހުރަހެއް އޮތްކަމަށް ގަބޫލު ނުކުރެވޭ ސަބަބައްޓަކައި، މިއީ ޓްރައިބިއުނަލަށް ބެލުމުގެ އިހުތިސާސް ލިބިފައިވާ މައްސަލައެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ.