ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރު، ގާނޫނާހިލާފަށް ފަނޑިޔާރުގެ މަގާމުން ވަކިކުރި މައްސަލަ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސަމާލުކަމަށް ގެނެސްފި އެވެ.
އެކަން އީޔޫގެ ސަމާލުކަމަށް ގެނައީ އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ ޕާލިމެންޓުގެ ދެކުނު އޭޝިއާ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމުގެ ޑެލިގޭޝަންގެ ޗެއާ، ސަރބަން ޑީ. ސްޓަޒާއާ ބައްދަލުކޮށް، ރާއްޖޭގެ ޝަރުއީ ދާއިރާ ވެއްޓެމުންދާ އަނދަވަޅުގެ ހާލަތު ކިޔައިދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މަޝްވަރާކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނާ ހިލާފަށް ވަކިކުރިކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ ބާރު ދަށްކުރުމާއި، އދ. އަދި ޤާނޫނުއަސާސީން ލިބިދޭ ބާރުތަކާއި ހަމަހަމަކަން ނެތިގެން ދިއުމާ ބެހޭގޮތުންނެވެ. ޝަރުއީ ދާއިރާގެ އިސްލާހުގެ ނަމުގައި ރާއްޖޭގައި މިހާރު ހިނގަމުންދަނީ ޑިމޮކްރެޓިކް ވެރިކަން ނިޒާމީ ގޮތެއްގައި ފުނޑާލުން" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ އަޒްމިރާލްދާ އަދި މަހާޒް އެކަށީގެންވާ އިޖުރާއަތުތަކެއް ނެތި ވަކިކުރުމަކީ ހަމައެކަނި ގާނޫނީ މައްސަލައެއް ނޫން ކަމަށާއި އެއީ ޤާނޫނުއަސާސީއާ ހިލާފަށް ކުރި ބޮޑު ކަމެއް ކަމަށެވެ.
"ތަހުމަތު ކުރީ ސިޔާސީ މަގުސަދުތަކައްޓައި، ތަހުގީގުކުރީ މަލާމަތްކުރާ ޒާތައް. ފަނޑިޔާރުންނަށް އެބޭފުޅުންގެ ދިފާއުގައި ވާހަކަދެއްކުމުގެ އެއްވެސް ފުރުސަތެއް ދެވިފައެއް ނުވޭ. މިއީ އިސްލާހުގެ ނަމުގައި ކުރެވޭ އަނިޔާވެރި އަމަލެއް" ޝާހިދު ވިދާޅުވި އެވެ.
އެފަދަ އަމަލުތަކަކީ ރާއްޖެއަށް ނުރައްކާތެރި މިސާލެއް ކަމަށާއި އެއީ ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލި، ބާރު އެއްފަރާތަކަށް ޖަމާކުރުމަށް މަގުފަހިވާ ކަމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.
ކޯޓުތައް ސިޔާސީ މަގުސަދުތަކަށް ބޭނުންކުރަން ފެށުމުން، ޑިމޮކްރަސީ މަޑުމަޑުން ނެތިގެން ދިޔުމުގެ ބަދަލުގައި ފެންނާނީ ލޮލުކުރިމަތީގައި ފުނޑުފުނޑުވެގެންދާ މަންޒަރު ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެ އަމަލުތަކަކީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ހިލާފު ކަންތައްތަކެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. ހާއްސަކޮށް މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއައަގުވާމީ މުއާހަދާއާއި ކޮމަންވެލްތު ޗާޓަރާ ހިލާފު ކަންތައްތަކެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.