ލޯކަލް ކައުންސިލް ތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ)ގެ މެންބަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަގާމު ތަކަށް މެންބަރުން އިންތިހާބު ކުރަން ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ބިލު ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ހޯރަފުށީ ދާއިރާ މެންބަރު އަލީ މޫސާ މަޖިލީހަށް ފޮނުވާފައިވާ ބިލުގައި، މި ބިލް ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ، ލޯކަލް ކައުންސިލް ތަކުގެ އުމުރުގެ ތެރޭގައި ކައުންސިލް ތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރު ވަމުން ދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި އިލެކްޝަން ބާއްވަން ޖެހޭތީ އާއި އޭގެ ސަބަބުން އެކަމަށް ކުރަންޖެހޭ ހަރަދުތައް އިތުރު ވަމުން ދިއުން ކަމަށެވެ.
ހިނގަމުންދާ ލޯކަލް ކައުންސިލް ތަކުގެ އުމުރު ހަމަވާން ގާތްވެފައި ވަނިކޮށް ބައި އިލެކްޝަންތައް ގިނަގިނައިން ބާއްވަން ނުޖެހޭގޮތަށް ހަމަޖެއްސުންވެސް މި ބިލް މަޖިލީހަށް ފޮނުވުމުގެ ބޭނުން ތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.
ލާމަރުކަޒީ ގާނޫނު މިހާރު އޮންނަނީ، ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް ނުވަތަ އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ބޭއްވުން ލާޒިމް ނޫން ކަމަށެވެ.
ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބައި އިލެކްޝަން ބާއްވަން ނުޖެހޭ މުއްދަތު 548 ދުވަސް ނުވަތަ ދޮޅު އަހަރު ދުވަހުގެ ގޮތުގައި ހަމަޖައްސަން ހިމަނައިފައެވެ.