ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް އޭނާ ހިޔާނާތްތެރި ނުވާ ކަމަށާއި އޭނާ ނެގި ފައިސާއަކީ އޭނާއަށް ލިބެންޖެހޭ ފައިސާ ތަކެއް ކަމަށް އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރި ވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ރައްދުވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ބައްސާމްގެ މައްޗަށް ހިޔާނާތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރަނީ އެފްއޭއެމްއަށް 2018 ވަނަ އަހަރު ފީފާއިން ދިން ފައިސާގެ އިތުރުން 9،999 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، ބޭނުންކުރި ކަމުގެ ހެކިހުރި ކަމަށް ބުނެ އެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މައްސަލައިގެ އަޑުއެހުމުގައި ބައްސާމުގެ ފަރާތުން އިފްތިތާހީ ބަޔާން ހުށަހަޅުއްވަމުން ވަކީލުން ވިދާޅުވީ ބައްސާމުގެ ފަރާތުން ގެންދަނީ މި ދައުވާއަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އިންކާރު ކުރަމުން ކަމަށާއި ހިޔާނަތްތެރިވި ފައިސާ ކަމަށް ދައުލަތުން ފާހަގަކުރާ ފައިސާ ތަކަކީ ބައްސާމަށް ލިބެންޖެހޭ ފައިސާ ތަކެއް ކަމަށެވެ.
ޝަރީއަތުން މިއަދު ވަނީ އެ މައްސަލައިގެ ހެކިވެރިއެއް ކަމަށްވާ އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ޖަވާޒުގެ ހެކިބަސް ނަގައިފައެވެ. ހެކިބަހުގައި އޭނާ ވިދާޅުވީ އެފްއޭއެމްގެ ފައިސާގެ ކަންކަން ބަލަހައްޓަނީ ބައްސާމް އާއި އެކައުންޓް ޑިޕާޓްމެންޓުގެ އިސްވެރިޔާ ކަމަށްވާ މުހައްމަދު އަގީލް ކަމަށެވެ. ޖަވާޒު ވިދާޅުވީ އެފްއޭއެމްޗެ ޗެކުތަކާއި ވައުޗާ ތަކުގައި ސޮއި ކުރަން ގެންނަނީ އަގީލް ކަމަށާއި މި މައްސަލައިގައި ހިމެނޭ ޗެކަށް ސޮއި ހޯދަން އެ ގެނައީވެސް އަގީލް ކަމަށެވެ. އާންމުކޮށް ގެންނަނީ ޑޮލަރު މާރު ކުރުމުގެ ޗެކުތައް ކަމަށާއި ޑޮލަރު މާރު ކުރުމުގެ ވަކި އުސޫލެއް ނޯންނާނެ ކަމަށެވެ. އަދި ފީފާއިން، އެފްއޭއެމްއަށް ދޭ ފައިސާ އުސޫލާ ހިލާފަށް ހަރަދުކުރާކަން ފީފާއިން ވެސް ތަކުރާރުކޮށް ފާހަގަކޮށްފައިވާ ކަމަށް ޖަވާޒު ވިދާޅުވިއެވެ.
އެއަށްފަހު ދިފާއުން ކުރި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ޖަވާޒް ވިދާޅުވީ ބައްސާމަށް ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި 3،000 ޑޮލަރު ދިނުމަށް ފާސްކޮށް އެ ފައިސާ 2018 ވަނަ އަހަރުގެ ތެރޭގައި ދޭން ފެށި ކަމަށެވެ. އެ ފައިސާ ދޫކުރާނީ މުސާރަ ޝީޓުގައި ހިމަނައިގެން ކަމަށާއި އެ ނޫން ގޮތަކަށް އެ ފައިސާ ދޫނުކުރާނެ ކަމަށެވެ. ނަމަވެސް އެގޮތަށް ފާސްކުރުމާއި އެއްގޮތަށް ބައްސާމަށް އެ ފައިސާ ދޫކުރި ކަމަކަށް ޖަވާޒު ވިދާޅެއްނުވެ އެވެ.