ކުދިން ކުށްވެރިކުރުމުގެ ނުބާ އާދަ ދޫކޮށްލަންޖެހޭ: ފަސްޓް ލޭޑީ

ކުދިން ކުށްވެރިކުރުމުގެ ނުބާ އާދަ ދޫކޮށްލަންޖެހޭ: ފަސްޓް ލޭޑީ

އަނިޔާ އަދި އެކި ކަހަލަ ގޯނާ ލިބެމުންދާ ކުދިންނަށް އެ މާހައުލުން ނުނިކުމެވި، ކުށްކުރާ ކުދިންނަށް ވަމުން ދިޔުމުގެ ސަގާފަތް ބަދަލުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހާއި ޔުނިސެފް ގުޅިގެން މިމަހުގެ 10 އިން 12 އަށް ބާއްވާ، ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ސާޖިދާ ވިދާޅުވީ

ކުށުގެ މާހައުލުގައި މިއަދު ތިބި ކުދިންނަކީ އިއްޔެ އަނިޔާ ލިބެމުންދިޔަ ކުދިން ކަމަށެވެ.

"ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ކަންކަން ނިންމާއިރު މި ހަގީގަތް ގަބޫލުކުރަންވާނެ،" ސާޖިދާ ވިދާޅުވި އެވެ.

ހަގީގީ ހާދިސާތަކުން ބައެއް މިސާލު ވެސް ފަސްޓް ލޭޑީ ފާހަގަކުރެއްވި އެވެ.

މަރުގެ މައްސަލައެއްގައި ހައްޔަރުކުރި 14 އަހަރުގެ ކުއްޖެއް، އޭނާ ހައްޔަރު ކުރުމުގެ ކުރިން 191 ފަހަރު ކަމާ ބެހޭ އިދާރާތަކާ މުއާމަލާތް ކުރެވިފައިވާ ކަމެވެ. މީގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާ ތަހައްމަލުކުރަމުން އައި 15 އަހަރުގެ ކުއްޖަކަށް ދައުވާ ކުރެވުނު މައްސަލައެއްގައި އެތެރެއިންނާއި ރާއްޖެއިން ބޭރުން އައި ޕްރެޝަރާއެކު އެކުއްޖާ މިނިވަންވި މައްސަލައެއްގެ ވާހަކަ ވެސް ފާހަގަކުރެއްވި އެވެ.

މި މައްސަލަތަކުން ރަމްޒުކޮށްދެނީ ކުދިންގެ ރައްކާތެރިކަމަށާއި އަވަސް ފިޔަވަޅުއެޅުމުގައި ނިޒާމީގޮތުން ފެއިލްވެފައިވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވި އެވެ.

ސްކޫލްތަކާއި މައިންބަފައިން އަދި އަދުލު އިންސާފު ގާއިމުކުރާ މުވައްސަސާތަކުން އެ ކުދިންގެ ފަރާތުން ފެންނަ އިންޒާރުގެ ނިޝާންތައް ދެނެގަނެ އެ ކަމަށް އަވަސް އިޖާބައެއް ދިނުމަށް ގޮވާލެއްވި އެވެ.

މިކަމަށް ޙައްލު ހޯދުމަށްޓަކައި ގެންގުޅޭ ވިސްނުން ބަދަލުކޮށް، އާއިލީ ބައިވެރިވުން ހަރުދަނާކުރުމަށް ގޮވާލެއްވި އެވެ/ ޚާއްޞަކޮށް ބައްޕައިން ޝާމިލުވާ މިންވަރު އިތުރުކުރުމަށް ފަސްޓް ލޭޑީ ބާރު އެޅުއްވި އެވެ.

އަދި ނިޒާމުގައި ހުރި އެކިއެކި ފޫނުބެދޭ ކަންކަމާއި ހުރެ ކުށުގެ ވެއްޓަށް ކުދިން ވަނުމަށް ހުރި ފުރުސަތުތައް ނައްތާލައި، އެ ކުދިން އެ ކަމުގެ ތެރެއަށް ވައްދާ ފަރާތްތައް ޖަވާބުދާރީ ނުވެ ދިއުން ހުއްޓުވުމަށް، ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެ ކަމަނާ އެދިވަޑައިގެންނެވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *