ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ފަރާތުން، އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ)ގެ މައްޗަށް ކުރި ދައުވާ އެއްކޮށް ސިއްރު ކޮށްގެން ކުރިއަށް ގެންދަން ސިވިލް ކޯޓުން ނިންމައިފިއެވެ.
އެ މީހުންގެ މައްޗަށް ދައުވާކުރަން ހުށަހެޅުއްވީ، މިދިޔަ މާޗު މަހުގެ ކުރީކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި، ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އެ މަނިކުފާނުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ވޭޕް ބޭނުންކުރައްވާތީ ކަމަށް ތުހުމަތުކޮށް ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.
ފަސްޓް ލޭޑީގެ ގާނޫނީ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރުގެ ލޯ ފާމު"ރެހެންދި ޗެމްބާސް" އިން މީގެކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އުމައިރަށް ނިސްބަތްކޮށް މަންދީ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކުރުވައި، އުމެއިރުގެ ކިޔެވުމަށާއި މުސްތުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.
މަންދީގެ މައްޗަށް ދައުވާކުރީ އޭނާގެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލައިފައިވާތީ އާއި ގާނޫނުން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅަައިގެންފައިވާތީ ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ނޫސްބަޔާނުގައި ބުނެފައިވަނީ އެ މައްސަލައިގައި އެމްޑީޕީގެ މައްޗަށް ދައުވާކުރަނީ މަންދީ އެ ވާހަކަތައް ދެއްކީ އެމްޑީޕީން ބޭއްވި ރެލީއެއްގައި ކަމަށްވާތީ، އެކަމުގެ އެ ފަރާތުގެ ގާނޫނީ ޒިންމާއެއް އޮންނާނެ ކަމަށް ދެކިގެން ކަމަށެވެ. އަދި މަންދީ ދެއްކި ވާހަކައިގެ މައްޗަށް އޭނާގެ މައްޗަށް ދައުވާކުރާ އިރު، ފައްޔާޒަށް ދައުވާކުރަން ނިންމާފައިވަނީ، އެ މައްސައާ ގުޅިގެން ކުރެއްވި ޓްވީޓެއްގެ ސަބަބުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެ މައްސަލަތަކުގައި ދައުވާކުރަން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ދެ ގަޒިއްޔާއަކުންނެވެ. އެއް ގަޒިއްޔާއިން ދައުވާކުރަނީ މަރިޔަމް ޒުބެއިރަށެވެ. އަނެއް ގަޒިއްޔާއިން އެމްޑީޕީ އާއި ފައްޔާޒަށެވެ. މި ދެ ގަޒިއްޔާ ކުރިއަށް ގެންދާ އިރު، ދެ ކަމަކަށް އެދިވަޑައިގެން މެޑަމް ސާޖިދާ ވަނީ ސިވިލް ކޯޓަށް ހުށަހަޅުއްވައިފައެވެ.
އޭގެ ތެރެއިން އެއް ކަމަކީ މި ދެ މައްސަލައަކީ އެއް ހާދިސައެއްގެ މައްޗަށް ބިނާވެފައިވާ ދެ މައްސަލަ ކަމަށްވާތީ، މި ދެ މައްސަލަ ކޯޓުގައި އެއްކޮށް ކުރިއަށް ގެންގޮސްދިނުމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ހުށަހަޅުއްވާފައި ވަނީ، މިމައްސަލައާ ގުޅިގެން ޝަރީއަތުގައި ހިނގާ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާތީ، މި މައްސަލަތައް (ކޯޓު މަރުހަލާގައި ކުއްޖާގެ ކަރާމާތާއި ސިއްރު ހިފެހެއްޓުމަށް ރިއާޔަތްކުރުމަށްފަހު) މައްސަލައިގެ އަޑުއެހުންތައް އާއްމުކޮށް ޓީވީ އިން ލައިވް ކޮށްދިނުމަށެވެ.
މި މައްސަލަ ބެއްލެވުމަށްފަހު، ސިވިލްކޯޓުގެ ގާޒީ ފައިސަލް އާދަމް މިއަދު ނިންމެވި ނިންމެވުމުގައި ވަނީ، މި މައްސަލައިގައި ދައުވާ ހުށަހަޅާފައިވާ ދެ ގަޒިއްޔާ އަކީ އެކުއެކީގައި އެ ކޯޓުން ހިންގައި، އެކުގައި ހުކުމް ކުރަންޖެހޭ ބާވަތުގެ ދެ ގަޒިއްޔާކަން އެނގެން އޮންނަ ކަމަށެވެ.
އެހެންކަމުން އެކަމާބެހޭ ގާނޫނީ ބިނާތަކަށާއި މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އާއްމު އަދި އެންމެ އަސާސީ މަގުސަދުތަކަށް ރިޔާޔަތްކޮށް މި ދެގަޒިއްޔާ އެކުގައި ކުރިއަށްގެންދަން ނިންމާކަމަށްވެސް ބުނެފައިވެއެވެ. އަދި އެ ދެ ގަޒިއްޔާއަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ އަދި މައިގަނޑު ހުސޫމާތު، ކުޑަ ކުއްޖަކަށް އަމާޒުވާގޮތަށް ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށްވާތީ މި މައްސަލަތަކުގެ އަޑުއެހުންތައް ބްރޯޑްކާސްޓް ނުކުރުމަށާއި އަދި ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމުގެ އަސާސް ނެގެހެއްޓުމުގެ ގޮތުން މި މައްސަލަތަކުގެ ޝަރީއަތުގެ އެންމެހައި އަޑުއެހުންތަށް އާއްމުކޮށް ހުޅުވާނުލައި ކުރިއަށްގެންދަން ނިންމާފައިވާ ކަމަށްވެސް ނިންމުމުގައި ވެއެވެ.