ރ. ރަސްގެތީމުގެ މީހުންނަށް ސިހުރު ހަދަމުންދާ ކަމަށް ބުނެ އެ ރަށުގައި ހުރި ނ. ވެލިދޫ މީހަކު ރަށުން ބާލުވައިފި އެވެ.
ސޯޝަލް މީޑިއާގައި އަންނަނީ މީހަކު ރަށުން ބާލާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ދައުރުވަމުންނެވެ. އެ ވީޑިއޯގައި ފެންނަނީ އެރަށުގެ ބަނދަރު މަތިން ފުލުހުން މީހަކު ގޮވައިގެން އަންނައިރު، ގިނަ އަދަދެއްގެ މީހުން ވެސް އަޑުގަދަ ކުރަމުން އަންނަ ތަނެވެ.
އެވަގުތު ބަނދަރުމަތިން އެއްކޮށް ކަރަންޓުދާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. އަދި އެ މީހާ ގެނެސް ލޯންޗަކަށް ލުމުން އެ ލޯންޗު ފުރާ މަންޒަރު ވެސް ފެނެ އެވެ.
ރަސްގެތީމުގެ މީހަކު "މާލެޓައިމްސް" އަށް ބުނީ އެ ހާދިސާއަކީ އެ ރަށު މީހުންނާ ސިހުރު ހަދަމުންދިޔަ ވެލިދޫ މީހަކު ރަށުން ބާލުވާ މަންޒަރު ކަމަށެވެ.
ރަށު ރައްޔިތުން އެ މީހާ ރަށުން ބާލުވަން މަސައްކަތް ކުރަމުންދަނިކޮށް ފުލުހުން އައިސް ވަނީ ފުލުހުންގެ ހިމާޔާތުގެ ދަށުން އެ މީހާ ރަށުން ބާލުވައިފައި ކަމަށެވެ.