މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތަކުން އަންހެނަކު ވެއްޓުނު ހާދިސާއާއި ގުޅިގެން އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭ ހައްޔަރުކުރި މީހުން ދޫކޮށްލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
ޒުވާނުން ރޭ ކުރި މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ދެ ޒުވާނަކު ހައްޔަރުކޮށްފަ އެވެ. ރޭގެ މުޒާހަރާއިން ހައްޔަރުކޮށްފައިވަނީ އައިޝަތު ޝިމަން އަހްމަދު އާއި އަބްދުﷲ މަހްޒޫމް މާޖިދެވެ.
އެކަމާ ގުޅިގެން ޝާހިދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާނުންގެ މުޒާހަރާ ކަންކަން އިންތިޒާމުކުރާ ދެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"އެ ޒުވާނުން އިތުރަށް ލަސްކުރުމެއްނެތި ދޫކޮށްލަން ޖެހޭ" ޝާހިދު ވިދާޅުވި އެވެ.
ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުން މިހާރު ވަނީ ކަންބޮޑުވާ ހިސާބަށް ގޮސްފައި ކަމަށް ޝާހިދު ވިދާޅުވި އެވެ.
ސުލްހަވެރިކޮށް މުޒާހަރާ ކުރަމުންދާ ޒުވާނުން ހައްޔަރުކޮށްގެން އަދުލު އިންސާފާއި ސުލްހަމަސަލަސްކަން ގާއިމު ނުކުރެވޭނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.