2007 އިން ފެށިގެން އުފަންވި އެންމެނަށް ދުންފަތް މަނާކުރަން ގާނޫނު އިސްލާހު ކުރަނީ

2007 އިން ފެށިގެން އުފަންވި އެންމެނަށް ދުންފަތް މަނާކުރަން ގާނޫނު އިސްލާހު ކުރަނީ

ޖެނުއަރީ އެކެއް 2007 އިން ފެށިގެން އުފަންވެފައިވާ އެންމެންނަށް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިިވަނީ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގްއެވެ.

މި ބިލް ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލްގައި ބުނެފައިވަނީ، 2007 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައިވާ ފަރާތްތަައް، ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓުވުން ކަމަށެވެ.

މި ގާނޫނުުގެ ހަ ވަނަ މާއްދާގައި މިހާރު އޮންނަނީ، ދުންފަތުގެ އެއްްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް، 21 އަހަރުން ދަށުގެ މީހަކަށް ނުވަތަ ކުޑަ ކުއްޖަކަށް ވިއްކައިގެން ނުވާނެ ކަމަށެވެ.

ނަމަވެެސް މަޖިލީހަށް ފޮނުވާފައިވާ ބިލުން އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، އެކެއް ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް ފަރާތަކުން ދުންފަތުގެ ބާާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އިސްތިއުމާލް ކޮށްގެން ނުވާނެ ކަމަށެވެ. އެފަދަ ކަމެއް ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ދުންފަުގެ އެއްވެސް ބާވަތެއް އަދި އުފެއްދުމެއް އެފަދަ ފަރާތަަކަށް ވިއްކުމަކީ މަނާކަމެއް ކަމަށްވެސް ހިމަނާފައިވެއެވެ. އެއާއެކު 21 އަހަރުންދަށުގެެ އެއްވެސް ފަރާތަކަށް އެފަދަ އެއްޗެއް ވިއްކުމަކީ މަނާކަމެއްް ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ދުންފަތުގެ ބާވަތްތައް ވިއްކުމަށް ރަޖިސްޓްރީކޮށް، އެ ބާވަތްތައް ވިއްކުމުގެ ލައިސަންސް އޮތް ފަރާތަކުން ނޫނީ، ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށާއި ގަންނަނީ ކާކުކަން ނޭނގޭ އެއްވެސް ފަރާތަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.

ވިއްކުމުގެ ހުއްދަ އޮތް ފަރާތަކުންވެސް ދުންފަތުގެ ބާވަތެއް ވިއްކަންވާނީ، އެ ގަންނަ ފަރާތަކީ ދުންފަތުގެ ބާވަތްތައް ވިއްކުން ގާނޫނުން މަނާކޮށްފައިނުވާ ފަރާތެއްތޯ ކަށަވަރު ކުރުމަށް، އައިޑީކާޑު ނުވަތަ އެމީއެއްގެ އުމުރުން އަންގައިދޭ ރަސްމީ ލިއުމެއް ދެއްކުމުން ކަމަށްވެސް ބުނެފައިވެއެވެ.

އިތުރު މާއްދާއެއްގެ ގޮތުގައި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ހާއްސަ ކޮށްފައިވާ މެޝިނަރީ އާއި އާލާތްތައް ރާއްޖެ އެތެރެކުރުން ހިމެނުމަށްވެސް މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.

އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ގެންގުޅުމުގެ އިތުރުން ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

މި ބިލުގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެކަންކަަމަށް ބޭނުންކުރާ އާލަންތައް ގެންގުޅޭ މީހުގެ އަތުން އަތުލުމާއި އެތަކެތި ނައްތާލުމުގެ އިޖުރާއައްތައް ވަނީ ބަޔާންކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *