މޯލްޑިވް ގޭސް އިން ހަދާފައިވާ ގޭހުގެ ޝިޕްމަންޓެއްގެ އެޑްވާންސް ފައިސާ ނުލިބުނު މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ފުލުހުން ބަލަނީ މަނީ ލޯންޑްރިންގެ މައްސަލައެއްގެ ގޮތުގައެވެ. ގޭސް ޝިޕްމަންޓަށް އެޑްވާންސްގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. މި ފައިސާ ދައްކާފައި ވަނީ ހުސްވި އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ފައިސާތައް ގެއްލުނުއިރު އޯޑަރު ކުރި ގޭސް ރާއްޖެއަކަށް ނާދެއެވެ.
މި މައްސަލަ ފުލުހުން ބަލަމުންދާއިރު، ހަމަ މިމައްސަލަ އޭސީސީންވެސް ބަލަމުންދާ ކަމަށް ބުނެފައިވެއެވެ. މި މައްސަލައިގައި މޯލްޑިވްސް ގޭސް އިން ބުނެފައި ވަނީ އެ ފައިސާ ހޯދުމަށްޓަކައި އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.