ދިވެހި ޒުވާނުން ދުންފަތާ ދުރުކޮށް ލީހު އެ ވަބާ އިން ސަލާމަތް ކުރަން 'ޖެނެރޭޝަން ބޭން 'ގެ ގޮތުގައި ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާ އެކު" ގެ ނަމުގައި އެ މަނިކުފާނު މިއަދު ފެއްޓެވި ޕޮޑްކާސްޓްގައި ވިދާޅުވީ މި ސަރުކާރުން ސިނގިރޭޓުން ނަގާ ޑިއުޓީ ދެގުނަކޮށް، ވޭޕް ބޭނުންކުރުން މަނާ ކުރުމަކީ ވެސް އެޅުއްވީ މުހިންމު ފިޔަވަޅުތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން އާންމު ސިއްހަތު ވެސް ރަނގަޅުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ފިޔަވަޅުތަކާ އެކު ދެން ކުރައްވާނެ ކަމަކީ 'ޖެނެރޭޝަން ބޭން' އެއް ތައާރަފުކުރެން ކަމަށެވެ..
"ދެން އޮތް ސްޓެޕަކަށް އަޅުގަނޑު ވިސްނާފައި މި އޮތީ މި ތަނުގައި ފާހަގަކޮށްލާނަން އަދި ކުރިއަށް އޮތް ތަނުގައި ތަފުސީލު އިއުލާނުކުރަމުން ދާނަން،،" ރައީސް ވިދާޅުވި އެވެެ. "ޖެނެރޭޝަން ބޭންއޭ މި ކިޔާ، ޚާއްސަކޮށް ޒުވާން ކުދިންނަށް އަލަށް ދުންފަތުގެ އިސްތިއުމާލުކުރުމަށް ވަންނަ ކުދިން އެ ކަމުން ދުރުކުރުމަށް ފިޔަވަޅުތަކެއް އަޅާނަން. ކަށީގެ ހިފައިގެން ގިނަ ދުވަސްތަކެއް މި ކަމުގައި އުޅެފައި ހުންނާނީ ތަންކޮޅެއް އުމުރުން މަތީ މީހުންތާ ދެއްތޯ."
އެ މަނިކުފާނު ވިދާޅުވީ 18 އަހަރު ފުރިގެން ދުންފަތުގެ އިސްތިއުމާލުގެ ތެރެއަށް ދާ ކުދިން އެ ކަމުން ދުރުކޮށްދީ އެ ކުދިންގެ މުޅި ހަޔާތް އެ ކަމުން ސަލާމަތްކޮށްދީ ދުރުގައި ތިބެން ބާރުއެޅޭނެ ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށެވެ.