މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ”ރައްޔިތުންނާ އެކު“ މި ނަމުގައި މިއަދު ކުރިއަށް ގެންދިޔަ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 150 މިލިއަން ޑޮލަރަކީ ކުރީގައި ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރަށްވުރެ 40 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.
”ޖުމްލަކޮށް މި ގާނޫނުގެ ދަށުން 150 މިލިއަން ޑޮލަރު ޖެނުއަރީން ފެށިގެން މިހާތަނަށް ބޭންކުތަކަށް މާރުކޮށްފި. ކުރީގައި މާރުކުރަމުން އަންނަ އަދަދަށް ވުރެ %40 އިތުުރު،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޭންކަށް ޑޮލަރު މާރުކުރުމަށް ވިޔަފާރިވެރިންގެ ފަރާތުން އެއްބާރުލުން ލިބިގެންދާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެކަމުގެ ނަތީޖާއަކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުންދާ ވަރަކަށް އެދާއިރާއިން ލިބޭ އާމްދަނީ ކުރިއަށްވުރެ އިތުރުވެ، އޭގެ މަންފާ ރައްޔިތުންނަށް ކުރުންކަމަށެވެ.
އެގޮތުން ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި އެއަދަދު 1000 ޑޮލަރަށްވުރެ އިތުރުކުރުމާއި، ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކުރުމާއި، ޓީ.ޓީ ހެދުމަށް އިތުރަށް ފުރުސަތު ފުޅާވެގެންދާނެ ކަަމަށް ރައީސް ވިދާޅުވި އެވެ.
ބޭންކަށް ޑޮލަރު މާރުކުރުމަށް ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅަށް ކުރެއްވުނުކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.