ގެއްލެމުންދާ އިންސާނީ ކަރާމާތް އަނބުރާ ގެނެވޭނީ ގުރުއާނަށް އަމަލުކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިސްލާމީ މަރުކަޒުގައި ގުރުއާން ހިތުދަސްކުރި ހާފިޒުންގެ ދަސްވެނިވުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގުރުއާނަކީ ހަމައެކަނި ރަސްމިއްޔާތުތަކުގައި ކިޔަވަން އޮންނަ ފޮތެއް ނޫން ކަމަށާއި ގުރުއާނަކީ އަމަލުގެ ފޮތެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ގައިޑް ބުކް އަކީ، އަޅުގަނޑުމެން އަމަލީގޮތުން ކަންކަން ކުރާއިރު ކަން ކުރަންވީ ގޮތް ބަލާ، ކަންކަން ކުރަންވީ ގޮތް ދަސްކުރާ ފޮތަކަށް ވާންވީ ﷲ ސުބްހާނަހޫ ވަތައާލާ އަޅުގަނޑުމެންނަށް ދެއްވާފައި މިއޮތް ކީރިތި ގުރުއާން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދުގެ މުޖުތަމައުން ފެންނަ ހުރި ކަންކަމަކީ ގުރުއާނުގެ އަންގާވާފައިވާ ގޮތާއި ހިލާފަށް ފެންނަ ކަންތައްތަކެއް ކަމަށާއި އިސްލާމީ ގައުމެއްގައި ގުރުއާނާ ހިލާފު އަމަލުތަކެއް ފެނިގެންނުވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އެކަކު އަނެކަކުގެ އަބުރަށް އަރައިގަންނަނީ. ދެބައޮޑުވަނީ. ނެތި މޮށެނީ. ދޮގު ވާހަކަތައް އިންތިހާއަށް ފަތުރަނީ. މިހެން ގޮސް އަޅުގަނޑުމެންގެ ތެރޭގައި ނެތް ކަމެއް ނެތް. ގޯސް ހުރިހާ އާދައެއް. އިސްލާމްދީނުގައި، ގުރުއާނުގައި މަނާކުރައްވާފައިވާ، އެކަންކަމާ ދުރަށް ދާން އަންގަވާފައިވާ ހުރިހާ ކަމެއް މި ސައްތައިން ސައްތަ އިސްލާމީ ގައުމުގައި މި ކުރަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިޔާސީ ހިޔާލު ތަފާތުުވީމާ ވެސް އަދި އޮފީހާއި އާއިލާ ތެރޭގައި ވެސް އެކަކު އަނެކެއްގެ އަބުރަށް އަރައިގަނެ އެކަކު އަނެކަކުގެ އިންސާނީ ކަރާމަތަށް އަރައިގަންނަ ކަމަށެވެ.
"އެހެންނެއް ނޫން ގުރުއާން ދަސްކޮށްދެނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
"ގުރުއާނަށް އަމަލުކޮށްގެން ނޫނީ ގެއްލިގެންދާ އިންސާނީ ކަރާމާތް އަނބުރާ ނުގެނެވޭނެ."